ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތް ގޮތުން ބޭރު މީހުންނަށް މިނިމަމް ވޭޖު ދޭންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބިދޭސީންނާއި ދިވެހިންނާ ދެމެދު ތަފާތުކުރުމަކީ އިންސާނިއްޔަތަށް ބަލާނަމަ ރަނގަޅު ކަމެއް ނޫން ކަމަށާއި ނަމަވެސް ރާއްޖޭގެ އިގްތިސާދަށް ވެސް ބަލަންޖެހޭ ކަމަށެވެ.
"އަޅުގަނޑުގެ ހިޔާލު ބޭރު މީހުންނާ ގުޅޭގޮތުން އެބައޮތް ވަކި ހިޔާލެއް. އަޅުގަނޑެއް ގަބޫލެއް ނުކުރަން މިވަގުތު ރާއްޖޭގެ އިގްތިސާދު އޮތް ހާލަތުގައެއް މިނިމަމް ވޭޖު ބޭރު މީހުންނަށް ދޭންޖެހޭނެ ކަމަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި ދެ ލައްކައަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު ވަޒީފާއެއް ނެތި، ވަޒީފާއެއް ހޯދަން އުޅެނީ 15،000 އާއި 20،000 އެއްހާ ދިވެހިން ކަމަށާއި އަދި އިތުރު 30،000 އެއްހާ ދިވެހިންނަކީ އެހާ ބޮޑަށް ވަޒީފާއެއް ހޯދަން ނޫޅޭ، ނަމަވެސް ބޭނުންވާ ވަރުގެ މުސާރައެއްގައި ބޭނުންވާ ވަޒީފާއެއް ލިބޭނަމަ ދާންތިބި މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޖުމްލަ ބަލަމާ ހިނގާ އަޅުގަނޑުމެންގެ ވަޒީފާއަދާކުރަން ބޭނުންވާ 50،000 އެއްހާ ބޭފުޅުން މިތިބީ މިސާލަކަށް. ދެލައްކަ ކޮންމެވެސް ވަރެއް އެބަތިބި ބޭރު މީހުން. އެ ދެ ލައްކަ މީހުން ފޮނުވާލިޔަސް އަދި 50،000 މީހުން ލައިގެން އަޅުގަނޑުމެންގެ އިގްތިސާދެއް ކުރިއަކަށް ނުދޭ. އިގްތިސާދު ކުރިއަށް ގެންދަން ބޭނުންވާނަމަ އިތުރަށް އަދިވެސް މީހުން އެބަ ބޭނުންވޭ،" ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ލަފާދީފައިވާ 6400 ރުފިޔާއަށްވުރެ ދަށުގައި ވަޒީފާ އަދާކުރަމުންދަނީ 120،000 އެއްހާ ބިދޭސީން ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ކޮންސްޓުރަކްޝަން ދާއިރާގައި މަސައްކަތްކުރާ މީހުން ކަމަށެވެ.
ނަމަވެސް އެ ތަކުލީފާއެކު އެމީހުންގެ އާއިލާ ދޫކޮށް އެކަނި ރާއްޖެ އައިސް މަސައްކަތް ކުރާއިރު ބަންގުލަދޭޝްގައި އެމީހުންގެ އާއިލާއަކަށް ދިރިހުރެވޭވަރުގެ މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައަޅާފައި މިއޮންނަނީ 94 ޑޮލަރު ކަމަށްވާއިރު މިތަނުގައި 180 ޑޮލަރަށް އެމީހުން މަސައްކަތް ކުރުމުން އެމީހުންނަށް ބޮޑު އަގެއް ލިބޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ 6400 ރުފިޔާގެ މިނިމަމް ވޭޖެއް ކަނޑައަޅައިގެންނެއް އެ މަސައްކަތްތަކަކަށްދާކަށް މާބައިވަރު ދިވެހިންތަކެއް ލިބޭނެ ކަމަކަށް. އަދި ރާއްޖޭގައި އުޅޭ ބިދޭސީންނަށް މިނިމަމް ވޭޖު ކަނޑައަޅަން އިގްތިސާދުގައި ވަރުހުރި ކަމަކަށް ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.