ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19) ފެތުރެމުންދާ ވަގުތެއްގައި ރާއްޖޭގެ އިގްތިސާދު ވެސް ދަށަށް ދާނެތީވެ، މިވަގުތަކީ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުގެ ޗެއާޕާސަން މަރިޔަމް ހާލިދާ ވިދާޅުވެއްޖެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ހާލިދާ ވިދާޅުވީ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6400 ރުފިޔާ ކަނޑައަޅާފައިވަނީ ކޮރޯނާ ވައިރަސް ފެތުރެން ފެށުމުގެ ކުރިން ކަމަށެވެ.
ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސާދަށްކުރާ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ކުރާނެ ކަމުން، މިފަދަ ދަނޑިވަޅެއްގައި އެންމެ ކުޑަ އުޖޫރަ ތަންފީޒު ކުރަން އުދަނގޫވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުރިހާ ގައުމުތަކުގެ އިގުތިސާދު ވެސް އޮތީ ވަރަށް ދަށުގައި. ރާއްޖެއަށް ވެސް މީގެ އަސަރު ކުރާނެ. ސަރުކާރާއި އަދި މަޖިލީހުގެ ތެރެއިން ވެސް މިކަންކަމަށް ރިއާޔަތްކުރުން މުހިންމު. މިއީ މިނިމަމް ވޭޖެއް އިމްޕްލިމެންޓް ކުރުމަށް އެންމެ ރަނގަޅު ވަގުތެއް ނޫން،" ހާލިދާ ވިދާޅުވިއެވެ.
ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކާއެކު ވެސް ވޭޖު ބޯޑުން މަޝްވަރާކުރެއްވިކަން ފާހަގަކުރައްވާ ހާލިދާ ވިދާޅުވީ، މަޝްވަރާތަކުގައި ވަޒީފާއަދާކުރާ ފަރާތްތަކުން ހުށައެޅީ މިނިމަމް ވޭޖުގެ ގޮތުގައި 10،000 ރުފިޔާ ކަނޑައެޅުމަށް ކަމަށެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާތަަކަށް ބޭރު މީހުން ގެންނަން ޖެހެނީ ދިވެހިން ފަރުވާ ކުޑަވުމުން ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންކަމުން މިނިމަމް ވޭޖެއް ކަނޑައެޅުމަށްޓަކައި ބަލާފައިވާނީ ބެލެންސް ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް ހާލިދާ ވިދާޅުވިއެވެ.
މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ދިރާސާ މަަސައްކަތް ވޭޖު ބޯޑުން ނިންމާފައިވަނީ ފަސް މަސް ދުވަހުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދުމަށްޓަކައި ވޭޖު ބޯޑުގެ ރިޕޯޓް އެމަޖިލީހަށް ހުށައަޅާފައިވަނީ ނިމުނު މަހުގެ 21 ވަނަ ދުވަހުއެވެ.