(ރޮއިޓާސް) – ޖެނެރިކް ބޭސްތައް އެންމެ ގިނައިން ސްޕްލައިކުރާ ދުނިޔޭގެ މައި ގައުމު، އިންޑިއާ އިން ބޭސް އެކްސްޕޯޓްކުރާ މިންވަރު ލިމިޓްކޮށްފިއެވެ.
އިންޑިއާއިން ލިމިޓްކުރި ބޭސްތަކުގެ ތެރޭގައި އާންމު ތަދުތަކަށް ބޭނުންކުރާ ޕެރެސެޓްމޯލް އަދި ވިޓަމިން ބީ1، ވިޓަމިން ބީ6، ވިޓަމިން ބީ12 އަދި އޭގެ ފޯމިއުލޭޝަންތައް ހިމެނެއެވެ. އޭގެ އިތުރުން ބޭސްތައް އުފައްދަން ބޭނުންކުރާ 26 ވައްތަރެއްގެ ފާމަސޫޓިކަލް އިންގްރިޑިއެންޓްސް ވެސް އެކްސްޕޯޓް ކުރުން ވަނީ ލިމިޓް ކޮށްފައެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާއިން ބޭސް އެކްސްޕޯޓް ލިމިޓްކުރީ ބޭސްތަކަށް ބޭނުންވާ އިންގްރީޑިއެންޓްތައް ޗައިނާއިން ލިބުން ދަތިވުމުންނެވެ.
އެގޮތުން އިންޑިއާއިން އުފައްދާ ބޭސްތަކަށް ބޭނުންވާ އިންގްރިޑިއެޓްސްގެ ގާތްގަނޑަކަށް 70 ޕަސެންޓް އެގައުމަށް އިމްޕޯޓްކުރަނީ ޗައިނާއިންނެވެ.
ކޮރޯނާވައިރަސް ޖެހިގެން ދުނިޔޭގައި މިހާތަނަށް 3000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިންޑިއާއިން ވެސް އެ ވައިރަސް ޖެހިފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އެ އެންމެން ވެސް މިހާރު ތިބީ އެކަހެރިކޮށްފައެވެ.