ޚަބަރު

އައްޑޫގެ ތިން ދާއިރާއެއް އެމްޑީޕީއަށް ކަށަވަރުވެއްޖެ

އައިދާ އަބްދުލް ހަކީމް

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ތިން ދާއިރާއެއް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ކަށަވަރުވެއްޖެއެވެ.

މިއަދު އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮޑިޓޯރިއަމްގައި ބޭއްވި ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި އެކަން އިއުލާނު ކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަދި އެ ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކުރަމެވެ.

މި ދެ އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން އެމްޑީޕީއަށް ކަށަވަރުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ އެއް ދާއިރާ އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ދެ ދާއިރާއެކެވެ.

އެގޮތުން ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކަށަވަރުވީ އައްޑޫ ސިޓީ ލޯކަލް ކައުންސިލް އިންތިހާބުގެ "އައްޑޫ ސިޓީ ހިތަދޫ ބޭރުމަތީ ދާއިރާ"ގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއެވެ. އެދާއިރާއަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމުން، އެ ދާއިރާއަށް ސ. ހިތަދޫ/ މުޝްތަރީގޭ މަރްޔަމް ސައީދާ ވަނީ ހޮވިފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީއަށް ކަށަވަރުވި ދެ ދާއިރާއަކީ "އައްޑޫސިޓީ S7- މަރަދޫ ދާއިރާ" އާއި "އައްޑޫސިޓީ S-9، S-10- ފޭދޫ ދާއިރާ" ދާއިރާއެވެ.

އެ ދެ ދާއިރާގެ ތެރެއިން އައްޑޫސިޓީ S7- މަރަދޫ ދާއިރާއަށް އެމްޑީޕީން ކުރިމަތިލީ ސ. މަރަދޫ/ ޝަބާހީ މަންޒިލް، ނުސްރަތު ރަޝީދެވެ. އަދި އައްޑޫސިޓީ S-9، S-10- ފޭދޫ ދާއިރާއަށް ކުރިމަތިލީ ސ. ފޭދޫ މުބޭލީވިލާ/ ހައްވާ ޒާހިރާއެވެ.

މިއަދު ވަނީ އައްޑޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުން ވެސް ނަގައިފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ލަތީފަށް ލިބިފައިވަނީ ނަންބަރު އެކެކެވެ. އަމިއްލަ ގޮތުން ކުރިމަތިލާފައިވާ އިބްރާހިމް ތޯހިރަށް ނަންބަރު ދޭއް ލިބުނުއިރު، އައްޑޫ މޭޔަރު ކަމަށް އެމްޑީޕީން ކުރިމަތިލާ ކެންޑިޑޭޓް އަލީ ނިޒާމަށް ލިބުނީ ނަންބަރު ތިނެކެވެ.