ރަށްރަށުގެ ކައުންސިލްތަކުން ހިންގުމަށް ރާވާ ކުދި މަޝްރޫއުތަކަށް ބޭރުގެ އެހީ ހޯދުމަށް ފޫގަޅައިގެން ހުންނެވި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެއަތޮޅު ނަޑެއްލާގެ ރައްޔިތުންނާ ބައްދަލުކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ބަލައިގަނެ ރާއްޖެއަށް އެހީތައް ދިނުމަށް ބޭރުގެ ފަރާތްތަކުގެ އަތްތައް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
"ތިޔަ ބޭފުޅުން ބޭނުންވާ ކަންތައްތައް ކުރުމަށް މަގުފަހިވެގެންދާނެ. ތިޔަބޭފުޅުން ތައްޔާރު ކުރައްވާ ޕްރޮގްރާމްތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ތެރެއިން މަސައްކަތް ކުރުމަށް އަޅުގަނޑު މިހިރީ ހަމަ ދެ ފަށަށް ފޫގަޅާލައިގެން،" މިނިސްޓަރު ވިދާޅުވިއެވެ
އިދިކޮޅު ޕީޕީއެމަށް ފާޑުވިދާޅުވެ މިނިސްޓަރު ޝާހިދު ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުން ހޮވައިފިނަަމަ ލާމަރުކަޒީ ނިޒާމު މަސައްކަތްކުރަންޖެހޭ ގޮތަށް މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ކައުންސިލްތައް މަސައްކަތްކުރީ "ގޮނޑިކޮއްކޮ" ކައުންސިލްތަކެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ގއ. އަތޮޅަށް މިއަދު ފެށި ދަތުރުގައި ރައީސް ނަޝީދުގެ އިތުރުން ކެބިނެޓުގެ ބައެއް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ފަސް މިލިއަން ރުފިޔާއަށް ވުރެ ހަރަދުކުޑަކޮށް ނިންމެން ހުންނަ ކަންކަން ނިންމާނީ ރަށު ކައުންސިލްތަކުންނެވެ. އެ ފައިސާ ބޭނުންކޮށްގެން ކުރާނެ ކަންތައްތަކާއި ކަންކަން ކުރާނެ ގޮތްތައް ވެސް ނިންމާނީ ރަށު ކައުންސިލްތަކުންނެވެ.