ޚަބަރު

ޕީޖީ އޮފީހުގެ ރިވިއު ކޮމިޓީގެ މަސައްކަތް މިމަހު 15 އިންފެށިގެން ނިމުމަކަށް ގެންނަނީ

އިބްރާހިމް ޒަކީ

އެކި މައްސަލަތަކަށް ތުހުމަތު ކުރެވިގެން ދައުވާ ކޮށްފައިވާ މީހުންގެ މައްސަލަތަކާއި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުންގެ މައްސަލަތައް ރިވިއު ކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ގާއިމްކޮށްފައިވާ ރިވިއު ކޮމިޓީގެ މަސައްކަތްތަކަށް ނިމުމެއް ގެންނަން އެ އޮފީހުން ނިންމައިފި އެވެ.

ދައުވާ ކޮށްފައިވާ މައްސަލަތަކާއި ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ރިވިއު ކުރުމަށް ޕީޖީ އޮފީހުގައި ރިވިއު ކޮމިޓީއެއް އުފެއްދީ 2018 ވަނަ އަހަރު އެވެ. އަދި އެ ކޮމިޓީ އުފެއްދުމަށްފަހު ކޮމިޓީ އަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވައިލި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ތުހުމަތު ކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއު ކުރުމަށް ހާއްސަ ކޮށްގެން އުފައްދާފައިވާ "ރިވިއު ކޮމިޓީ" އާއި އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ އެސެޓް ރިމާންޑް އެންޑް ޗާޖް ރިވިއު ޔުނިޓް ގެ މަސައްކަތް މިމަހު 15އިން ފެށިގެން ނިމުމަކަށް ގެންނަން ނިންމާފައިވާކަމަށެވެ.

އެހެންކަމުން އެ ތާރީހުން ފެށިގެން ރިވިއު ކުރުމަށްޓަކައި ޝަކުވާ ހުށަހަޅާ ފޯމް ބަލައިގަތުން ކުއްޓާލާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ ރިވިއު ކޮމިޓީގެ މަސައްކަތް ނިމުމަކަށް އައި ނަމަވެސް ގާނޫނުއަސާސީންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުން ރިވިއު ކުރަންޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ފެންނަ މައްސަލަތައް ރިވިއު ކުރުމުގެ މަސަައްކަތް ކުރިއަށްދާނެ ކަމަށެވެ.