ޚަބަރު

ބޮޑު ހަރަދުކޮށްގެން އިންތިހާބު ބޭއްވުމަށްވުރެ ބޭހާއި ކާޑުގެ ބާވަތްތަކާއި ތެޔޮ ގެނެސް ޖަމާކުރުން މުހިންމު: މޫސަ

އަލީ ޔާމިން

4

ބޮޑު ހަރަދުކޮށްގެން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމުގެ ބަދަލުގައި މިވަގުތަށް މުހިންމީ ބޭހާއި ކާޑުގެ ބާވަތްތަކުގެ އިތުރުން ތެޔޮ ރާއްޖެއަށް ގެނެސް ޖަމާކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ކުޅިގަނޑެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިނދަ ޖައްސާލުމަށް ޕާޓީތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިފަހަރު އެކަން ކުރަން މަސައްކަތްކުރާނީ ފެތުރެމުންދާ ރޯގާއާ ގުޅުވައިގެންތޯ ސުވާލު އުފެއްދިއެވެ.

މޫސަ އިތުރަށް ވިދާޅުވީ، 300 މިލިއަން ހަރަދުކޮށްގެން ކުރިއަށް އޮތް އިންތިހާބު ނުބާއްވާ، ބޭހާއި ކާޑުގެ ބާވަތްތަކާ ތެޔޮ ރާއްޖެއަށް ގެނެސް ޖަމާކުރުން މާމުހިންމު ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އަދި ރާއްޖެއަށް ބޭހާއި ކާޑުގެ ބާވަތްތަކާއި ތެޔޮ ގެނެސް ޖަމާކުރަން ރީސޯ މޫސަ ގޮވާލިއިރު ވައިރަހާ ގުޅިގެން ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ރައްޔިތުންނަށް ދަތިނުވާ ވަރަށް ތެލާއި ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް، ދަތި ނުވާނެ ފަދަ ގޮތަކަށް ރާއްޖޭގެ އެކި ހިސާބުން އެތަކެތި ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ވަނީ ހުށަހަޅައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟