އަލީ ޔާމިން
ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ އިވެންޓް މެނޭޖަރަކަށް އަދި ބޯޓިން މޯލްޑިވްސް މެގަޒިންގެ ޕަބްލިޝާއަކަށް މީޑިއަމް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާގިރި ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ އެެސޯސިއޭޝަންގެ ރައީސް އަހުމަދު އަފްރާހެވެ. މީޑިއަމް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާމް މުހައްމަދެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން މީޑިއަމް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ ޝާމް ވިދާޅުވީ، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މޯލްޑިވްސް މެރިން އެކްސްޕޯ ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ބޯޓިން މެގަޒިން މިއަހަރުގެ މޭ ނުވަތަ ޖޫން މަހުގެ ތެރޭގައި ލޯންޗުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ މެރިން އެކްސްޕޯއަކީ ބޯޓިން އެސޯސީއޭޝަނުން ބާއްވާ އެފަދަ ހަ ވަނަ އެކްސްޕޯއެވެ.