އަސްކޮއި ހައްޖު އުމްރާ ގްރޫޕަށް ވަގު ޓިކެޓުތަކެއް ވިއްކި ކަމުގެ ތުހުމަތުގައި ރާއްޖޭން ބޭރަށް ފުރަން ގޮސް ހުއްޓައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ރާއްޖޭން ބޭރަށް ފުރުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލަ ތަހުގީގުކޮށް މިހާތަނަށް ބެލި ބެލުމުން އޮސްކޮއި ހައްޖު އުމްރާ ގްރޫޕުގެ ފަރާތުން އުމްރާއަށް ގެންދުއުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ޓިކެޓު ގަތުމަށް، ސަމްހާ ގްރޫޕު އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެކާ ފައިސާ ހަވާލުކޮށްފައިވާކަން އެނގޭ ކަމަށާއި އެ ކުންފުނިން އެ ފައިސާ ޑީބީ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމުން އެ ކުންފުނީގައި މަސައްކަތްކުރާ ފަރާތަކުން ސައްހަ ނޫން 168 ޓިކެޓް ދޫކޮށްފައިވާ ކަން އެނގިފައިވާ ކަމަށެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަސްކޮއި ގްރޫޕުގެ ފަރާތުން 50 މީހަކު އިއްޔެ ފުރުމަށް ހަމަޖެހިފައިވީ ނަމަވެސް، އޭގެ ތެރެއިން 48 މީހަކަށް އުމްރާއަށް ފުރިފައެއް ނުވެއެވެ. އެމީހުންނަށް ފުރިފައިނުވަނީ އެމީހުން އަތުގައި ހުރި ޓިކެޓުތަކަކީ ވަގު ޓިކެޓުތަކަކަށް ވާތީއެވެ. އަސްކޮއި ގްރޫޕުގެ ފަރާތުން އުމްރާއަށް ފުރަން ހަމަޖެހިފައިވާ 150 އަށް ވުރެ ގިނަ މީހުންނަށް ވިއްކި ޓިކެޓުތަކަކީ ވަގު ޓިކެޓުތަކެކެވެ.