ޚަބަރު

މޯލްޑިވް ގޭހުގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރު ދީފި

އަލީ ޔާމިން

މޯލްޑިވް ގޭސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރު އިއުލާނުކުރި ހައްޖު ދަތުރު، އެ ކުންފުނީގެ ދެ މުވައްޒަފަކަށް ދީފިއެވެ.

މޯލްޑިވް ގޭހުން ނިންމާފައިވަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރު ދޭށެވެ.

އިއްޔެ މޯލްޑިވް ގޭސްގައި ބޭއްވި ރަސްމިއްޔާތެއްގައި، މިއަހަރުގެ ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާ ވަނީ އެކަމުގެ ލިޔުން ކޮށްފައެވެ. އެ ލިޔުން އެފަރާތްތަކާ ހަވާލުކުރެއްވީ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ. ހައްޖު ދަތުރު ލިބިފައިވަނީ ފޯމަނެއްގެ ގޮތުގައި އެ ކުންފުނީގައި ވަޒީފާ އަދާކުރާ މުހައްމަދު ވަހީދަށާއި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ އަލީ ވަހީދަށެވެ.

މޯލްޑިވް ގޭހުން ބުނީ ހައްޖު ދަތުރު ދިނުމުގައި އިސްކަން ދީފައިވަނީ ޕާފޯމެންސް ރަނގަޅު، ކުންފުންޏަށް ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް ކަމަށެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި މި ހައްޖު ދަތުރަކީ މުވައްޒަފުން ކުރިއެރުވުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި، މުވައްޒަފުން ކުރިއެރުވުމަށް މުހިންމު އިތުރު ހަރަކާތްތައް ހިންގުމަށް ރާވައިފައިވާ ކަމަށެވެ.