ޚަބަރު

ރާއްޖެ ހިމެނޭހެން ފަސް ގައުމަކާއެކު ކްލައިމެޓް ފައިނޭންސާ ބެހޭ ވޯކްޝޮޕް ފަށައިފި

އަލީ ޔާމިން

"ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެންސެސް ސްޓްރެޓެޖީ ވޯކްޝޮޕް ފޯ ދަ އައިލެންޑް ސްޓޭޓަސް އިން ދަ އިންޑިއަން އޯޝަން" ގެ ނަމުގައި މިއަދު ވޯކްޝޮޕެއް ފަށައިފިއެވެ.

ހޮޓަލް ޖެންގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ވޯކްޝޮޕް ފައްޓަވައިދެއްވީ، އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. މި ވޯކްޝޮޕް ކުރިއަށް ގެންދަނީ މާދަމާގެ ނިޔަލަށެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރާނީ ރާއްޖެ ފަދަ ގައުމުތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ބިމުގެ ސަރަހައްދަކީ އެންމެ ދެ އިންސައްތަކަން ފާހަގަކޮށް، މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ވަމުންދާ ގެއްލުންތައް ކުޑަކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ފަންޑް ނުލިބުން ކަމަށެވެ.

މިއަދު ފެށި މަސައްކަތު ބައްދަލުވުމަކީ އިންޑިއާ ކަނޑުގައި ހިމެނޭ ޖަޒީރާ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މާލީ ގޮތުންނާއި ޓެކްނޮލޮޖީގެ ދާއިރާއިންނާއި އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ބޭނުންވާނެ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރުމަށް އެ މިނިސްޓްރީއާއި އދ ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާ ޔުނައިޓެޑް ނޭޝަންންސް ޕްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ސެކެރެޓޭރިއެޓް އާ ގުޅިގެން ހިންގާ މަޝްރޫއުގެ މަސައްކަތު ބައްދަލުވުމެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މިހާރު ތައްޔާރުކުރެވިފައިވާ "އިންޑިއަން އޯޝަންސް ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ"ގެ ދަށުން ދެލިކޮޕީ ފާސްކޮށް، މި ސްޓްރެޓްޖީ ތަންފީޒުކުރާނެ ޕްލޭނެއް އެކުލަވައިލުމެވެ.