އަލީ ޔާމިން
ކ. ތުލުސްދޫން މިހާރު ދޫކުރުމަށް ހުއްދަ ދޫކޮށްފައިވާ 75 ގޯތީގެ އިތުރުން، އިތުރު 75 ގޯއްޗާއި އެކު ޖުމުލަ 150 ގޯތި އެރަށުން ދޫކުރެވެން އޮތް ނަމަ އެ ކަމުގެ ހުއްދަ ދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރަށް އަންގައިފި އެވެ.
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ، އާމިނަތު ޝައުނާ ސޮއިކުރައްވައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް މިދިޔަ ހޯމަ ދުވަހު ފޮނުއްވި ސިޓީގައި ވަނީ، ތުލުސްދޫ ރައްޔިތުންނަށް ދޫކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ހުއްދަ ދީފައިވާ 75 ގޯއްޗަކީ އެރަށުން ގޯއްޗަށް އެދި ފޯމުލާފައިވާ އަދަދަށް ބަލާއިރު ވަރަށް ކުޑަ އަދަދަދެއް ކަމަށާއި އެހެންކަމުން މިހާރު ހުއްދަ ދީފައިވާ 75 ގޯތީގެ އިތުރުން އިތުރު 75 ގޯތި (ޖުމްލަ 150) ގޯތި އިތުރު ކޮށްދިނުމަށް އެދި އެރަށުގެ ކައުންސިލުން ޕްލޭނިން މިނިސްޓްރީއަށް ލިޔުއްވާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުން އިތުރަށް ގޯތި ދޫކުރެވެން އޮތްނަމަ އެކަން ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން އެރަށު ކައުންސިލުން އެދިވަޑައިގެންފައިވާ ގޮތަށް އިތުރު 75 ގޯތި ދޫކުރުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެކަން ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށްވެސް ރައީސް އޮފީހުގެ ސިޓީގައި ވެއެވެ.
ތުލުސްދޫއަކީ ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ތަރައްގީވެ ކުރިއަރަމުން އަންނަ އެއް ރަށެވެ.