ޚަބަރު

ސްކޫލުތަކުގެ އިތުރު ހަރަކާތްތައް ހުއްޓުވައި އެހެން އެއްވުންތައް ކުރިޔަށް ގެންދާތީ ރީކޯ މޫސަ ފާޑުވިދާޅުވެއްޖެ

އަލީ ޔާމިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ސްކޫލުތަކުގެ އިތުރު ހަރަކާތް ހުއްޓުވި ނަމަވެސް އެހެން އެއްވުންތައް ހުއްޓައިނުލައި ކުރިޔަށް ގެންދާތީ މޫސާ މަނިކު (ރީކޯ މޫސަ) ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

މޫސަ ވަނީ ކޮވިޑް-19 އަކީ ސަރުކާރާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގައި އުޅޭ މީހުންނަށް ނުޖެހޭ ބާވަތުގެ ރޯގާއެއްތޯ ސުވާލު ކުރައްވާފައެވެ.

"ސްކޫލްތަކުގެ އިތުރު ހަރަކާތް ހުއްޓުވާފަ ދަރިން ގޭގަ ބައިތިއްބާފަ ބެލެނިވެރިން ތަންތަނަށް އެއްވެ ޖަލްސާ ބާއްވައި ޑޯޓުޑޯ ހަދާފަ ގެޔަށް ގޮސް ކުދިންގާތުގަ ތިބޭ އިރު ރޯގާއެއް ނާރާނެ.

ސަރުކާރާއި ޕާޓީ ތަކާއި ޖަމިއްޔާތަކުގައި އުޅޭ މީހުންނަށް ނުޖެހޭ ބާވަތުގެ ރޯގާއެއްބާވައޭ ހިތަށް އަރާ." މޫސަ ވިދާޅުވިއެވެ.

ސްކޫލްތަކުގެ ހުރިހާ އިތުރު ހަރަކާތްތައް ހުއްޓާލަން އަންގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިމަހުގެ އެއްވަނަ ދުވަހު ސާކިއުލާއެއް ނެރެފައެވެ. އެ ސާކިއުލާގައި ބުނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ މަސައްކަތަށް އެކުލަވާލާފައިވާ ޓާސްކްފޯހުގެ މަޝްވަރާގެ މައްޗަށް ބިނާކޮށް، އެޗްޕީއޭގެ ޓެކްނިކަލް ލަފާ ގަވައިދުން ހޯދަމުން ގެންދާ ކަމަށާއި މިވަގުތަށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުން ހުއްޓާލަން އަންގާ ކަމަށެވެ.

އެގޮތުން އަމަލީ ދަތުރުތަކާއި، ކުޅިވަރު ހަރަކާތްތައް އަދި ޕްރެކްޓިސްތައް މަޑުޖައްސާލުމަށް އެޑިއުކޭޝަނުން އަންގާފައި ވެއެވެ. އަދި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިކޮށްގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ހިލޭ ސާބަހަށް ކޮށްދިނުމަށް ރާވާފައިވާ ހަރަކާތްތައް އަދި ސްކޫލުން ބޭރުގައި ބާއްވާ ހަރަކާތްތައް މަޑުޖައްސާލުމަށް ވެސް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ. މީގެ އިތުރުން އޯވަނައިޓަށް ބާއްވާ ކޭމްޕުތައް، ސްކޫލު ފެއާތައް އަދި ކޮންސެޓުތައްވެސް ބޭއްވުން މަޑު ޖައްސާލުމަށް ވަނީ އަންގާފައެވެ.

ކޮރޯނާ ވައިރަލްގެ ބިރު ބޮޑުވަމުން ދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ) އިން ވަނީ މިދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުހިންގުމަށް އިލްތިމާސް ކޮށްފައެެވެ. ނަމަވެސް އެޗްޕީއޭގެ އެ އިލްތިމާސަށް ބެލުމެއް ނެތި ސިޔާސީ ޕާޓީތަކުން އަންނަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށް ގެންދަމުންނެވެ. އަދި އެނޫން ވެސް ގިނަ މީހުން އެއްވެ ހިންގާ އެތައް ހަރަކާތްތަކެއް އަންނަނީ ހުއްޓުމެއް ނެތި ކުރިޔަށް ގެންދަމުންނެވެ.