ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ)ގެ މަގާމުން ހުސައިން ފިޔާޒް މޫސާ އިސްތިއުފާ ދެއްވައިފިއެވެ.
ފިޔާޒް ނެރުއްވި ބަޔާނަކުން އޭނާ އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވި ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވައިފައެއް ނުވެއެވެ.
ފިޔާޒް ނެރުއްވި ބަޔާނުގައި ވިދާޅުވީ ހިޔާނާތާއި، ރިޝްވަތާއި، މުލައްދަނޑީގެ ބާރުން ގާނޫނުތައް ކަންފަތިކުރަމުން، މުއައްސަސާތައް ހަރާބުކޮށް، ދައުލަތް ހިނގަމުންދިޔަ މީޒާން ހަމައިން ނައްޓުވައި، ފަރުދުންނާއި ނޫސްވެރިންގެ ހައްގުތައް ނިގުޅައިގަންނަމުން ދިޔަ ދުވަސްވަރެއްގައި، ރާއްޖެ ޓީވީއާ ގުޅުނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ގައުމަށް އެންމެ ބޭނުންތެރި ގޮތަކަށް މަސައްކަތެއް ކޮށްދެވޭނީ ރާއްޖެ ޓީވީގައި ހުރެގެން ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.
"އެއީ ނޫސްވެރިކަމުގައި ވަރަށް ވެސް ފުރިހަމަ ތަޖުރިބާއެކެވެ. ސްޓޭޝަނާއި މުވައްޒަފުންގެ ކުރިމަތީގައި އަބަދު އޮތީ ބިރުވެރިކަމެވެ. ދެމުންދިޔައީ މަރުގެ އިންޒާރާއި ޖާނަށް ގެއްލުމެވެ. މުދަލާއި ސްޓޭޝަނަށް ވެސް ދިނީ ގެއްލުމެވެ..،" އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
ފިޔާޒް ވިދާޅުވީ ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމުން އިސްތިއުފާ ދިން ނަމަވެސް ރާއްޖެ ޓީވީއާ ވަކިވުމެއް ނެތް ކަމަށާއި އަބަދުވެސް އެދެނީ ރާއްޖެ ޓީވީއަށް ކުރިއެރުމާއި ދިވެހި ނޫސްވެރިކަމަށް ފަހި ދުވަސްތަކެއް ކަމަށް ވެސް އޭނާގެ ބަޔާނުގައި ވިދާޅުވިއެވެ.