އިބްރާހިމް ޒަކީ
އާންމުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ހޮވުމަށް، ފަސް ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އާއްމުގެން ތެރެއިިން ޖޭއެސްސީގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ، މެންބަރުކަމަށް ކުރިމަތި ލުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވައިލި ފުރުސަތުގައި ފަސް ބޭފުޅަކު ކުރިމަތި ލެއްވި ކަމަށެވެ.
އެކަމަށް ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ނަން މަޖިލީހުގެ ރައީސް ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަށްފަހު، އެ ނަންތަކާއި އެބޭފުޅުންގެ ސީވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.
އެނަންތައް ކޮމިޓީއަށް ފޮނުއްވުމަށްފަހު، އެ ނަންތައް ދިރާސާ ކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމަވައި ދެއްވުމަށް ކޮމިޓީގެ ކިބައިން މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.