ލިވަޕޫލު ކަޓުވާލުމަށްފަހު ޗެލްސީން އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެފްއޭ ކަޕުގެ ފަސްވަނަ ބުރުގެ މެޗުގައި ލިވަޕޫލް އަތުން ޗެލްސީ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލް ވަނީ އެންމެ ފަހުން ލީގުގައި ވެޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުން 3-0ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ ނަތީޖާއާ ގުޅިގެން ލީގު މެޗަކުން ބަލިނުވެ ލިވަޕޫލުން ދަމަހައްޓަމުންދިޔަ ރެކޯޑަށް ވަނީ ނިމުމެއް އައިސްފައެވެ. އޭގެ ކުރިން ލިވަޕޫލު ވަނީ ބައްޔަކާ ނުލައި ޖެހިޖެހިގެން 44 ލީގު މެޗު ނިންމާލައިފައެވެ. އޭގެ އިތުރުން ލިވަޕޫލު ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑް އަތުން ވެސް ބަލިވެފައެވެ.
ރޭގެ މެޗުގެ ތިންވަނަ މިނެޓުގައި ލިވަޕޫލަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެޑަމް ލަލާނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސާޑިއޯ މާނޭ ފޮނުވާލި ހަމަލާ، ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ ވަނީ މަތަކޮށްފައެވެ.
އެ މެޗުގެ 13 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ވިލިއަންއެވެ. އޭނާ ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ލިވަޕޫލުގެ ކީޕަރު އެޑްރިއަންގެ އަތުގައި ޖެހިފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މާނޭ ފޮނުވާލި ހަމަލާ، ޗެލްސީގެ ކީޕަރު އަރިޒަބަލާގާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ލިވަޕޫލަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މާނޭ ފޮނުވާލި އެ ހަމަލާ ވެސް ޗެލްސީގެ ކީޕަރު އަރިޒަބަލާގާ ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅަ ނެކޯ ވިލިއަމްސްއަށް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ޗެލްސީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން މޭސަން މައުންޓް ފޮނުވާލި ހަމަލާ އަމާޒުވީ ލިވަޕޫލު ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލީއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބާކްލީ ފޮނުވާލި ހަމަލާ އަމާޒުވީ ލިވަޕޫލު ގޯލުގެ ތިރީ ކަނަކަށެވެ.
އެ މެޗުގެ 66 ވަނަ މިނެޓުގައި ތިން ލަނޑުގެ ލީޑެއް ހޯދުމަށް ޗެލްސީއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ވަރަށް ހުސްކޮށް ހުރެ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޕެޑްރޯ ފޮނުވާލި ހަމަލާ، ލިވަޕޫލުގެ ކީޕަރު އެޑްރިއަން ވަނީ މަތަކޮށްފައެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ވެސް ޗެލްސީއަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޮލިވިއާ ޖިރޫ ފޮނުވާލި ހަމަލާ އަމާޒުވީ ލިވަޕޫލު ގޯލުގެ ހުރަސް ދަނޑިއަށެވެ.
ޗެލްސީގެ އިތުރުން އާސެނަލާއި ނިއުކާސަލް ޔުނައިޓެޑް އަދި ޝެފީލްޑް ޔުނައިޓެޑުން ވެސް ވަނީ ކުއާޓާގެ ޖާގައެއް ހޯދައިފައެވެ. އާސެނަލުން ކުއާޓާގެ ޖާގައެއް ހޯދީ ރޭ ކުޅުނު މެޗުގައި 2-0ގެ ނަތީޖާއަކުން ޕޯޓްސްމަތު ބަލިކޮށްގެންނެވެ. ވެސްޓްބްރޮމް އަތުން 3-2ގެ ނަތީޖާއަކުން މޮޅުވެ ނިއުކާސަލުން ކުއާޓާގެ ޖާގައެއް ހޯދި އިރު، ޝެފީލްޑުން ކުއާޓާގެ ޖާގައެއް ހޯދީ 2-1ގެ ނަތީޖާއަކުން ރީޑިން ބަލިކޮށްގެންނެވެ.