މެންބަރު އީވާ އަބްދުﷲ

ކޮރޯނާ ވައިރަސްގެ މައްސަލައިގައި މިސަރުކާރަކުން ދޮގެއް ނުހަދާނެ: އީވާ

އިބްރާހިމް ޒަކީ

ކޮރޯނާ ވައިރަހާ ބެހޭގޮތުން މި ސަރުކާރުން ރައްޔިތުންނަށް ދޮގެއް ނުހަދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަަވަމުން އީވާ ވިދާޅުވީ، ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމާއި، އެއްވެސް މީހަކަށް އެބަލި ޖެހުމާމެދު، ސަރުކާރުން އިސްވެ ހަދާނެ ދޮގެއް ނޯންނާނެ ކަމަށާއި، ރައްޔިތުންނަށް ދޮގު މައުލޫމާތު ނުދޭނެ ކަމަށެވެ. އަދި ކޮރޯނާ ވައިރަސް މައްސަލައިގައި، ކަރަންޓީނު ކުރެވޭ މީހުންނާއި ޓެސްޓް ކުރެވޭ މީހުންނާއި، ޓެސްޓުގެ ނަތީޖާ އާއި، އެކަމާބެހޭގޮތުން އަޅަމުން އަންނަ އެކި އެކި ފިޔަވަޅުތަކާބެހޭ މައުލޫމާތު މިހާރުވެސް ދުވަހުން ދުވަހަށް ސަރުކާރުން ހާމަ ކުރަމުން ގެންދާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ސަރުކާރާއި ރައްޔިތުންގެ އެހާ އިންޓްރެސްޓް ހުރި ކަމެއްގައި ސަރުކާރުން ދޮގެއް ނަހަދާނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން ކަންތައްތައް ހިންގާފައިވާ ގޮތުން، ރައްޔިތުން ކަންބޮޑުވެފައި ތިބި ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މިކަމުގައި އެންމެ މުހިއްމީ ތެދު މައުލޫމާތު ހޯދައިގެން ތިބުން ކަމަށެވެ. އަދި ކޮރޯނާ ވައިރަހަކީ އެބަލި ޖެހޭ އެންމެން މަރުވާ ބައްޔެއް ނޫން ކަމަށާއި، މިހާތަނަށް އަށްޑިހަ ހާހަށްވުރެ ގިނަ މީހުނަށް އެބަލި ޖެހުނު އިރު މަރުވީ ދެހާސް މީހުން ކަމަށްވެސް ވިދާޅުވިއެވެ.

ސަމާލުކަން ދޭންވީ 20 ސިކުންތު ވަންދެން އަތްދޮވުން ފަދަ ސާފުތާހިރުކަމަށް ކަމުގައިވެސް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ، ކަމެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައްވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ.

އެގޮތުން ތިން ހަތަރުމަހުގެ ކާޑު މިހާރުވެސް އެބަހުރި ކަމަށާއި، ހަތަރު ފަސް މަހުގެ ކާޑު މިހާރުވެސް އެބަ އަންނަ ކަމަށް އެސްޓީއޯގެ އެމްޑީ މައުލުމާތު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށަށް ކާޑުގެ ޑިސްޓުރިބިއުޓަރުން ހަމަޖައްސައި އެތަންތަނަށް ކާޑު ފޮނުވޭނެ އިންތިޒާމުތައް ހަމަޖަައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.