ޚަބަރު

ގދ. ވާދޫގައި ތުއްތު ކުއްޖަކު ބާލިދީއަކަށް ލައި މަރާލަން އުޅެފި

2

ގދ. ވާދޫގައި ތުއްތު ކުއްޖަކު ބާލިދީއަކަށް ލައި މަރާލަން އުޅެފިއެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ބާލިދީއަކަށް ލައި މަރާލަން އުޅުނު ނަމަވެސް، އެ ކުއްޖާ މަރުވެފައެއް ނުވެއެވެ.

ވާދޫ މީހަކު ބުނީ މިރޭގެ ވަގުތެއްގައި ވިހެއުމަށް ފަހު އަންހެން މީހާ ވަނީ އެ ކުއްޖާ ބާލިދީ ތެރެއަށް ލައިފައެވެ. އަދި މިހާރު އެ ކުއްޖާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ ވާދޫގައި ނަހަލާލަށް ބަލިވެ އިނދެ ފާހަނާ ތެރެއަށް ވިހާފައިވާ މައްސަލަ ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގިކުރަމުންދާތީ އެ މައްސަލައާ ގުޅޭ މައުލޫމާތު ސާފުވި ވަރަކަށް މީޑިއާތަކާ ހިއްސާކުރަމުންދާނެ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ވާދޫގައި ކުއްޖެއް ވިހެއުމަށް ފަހު އެއްލާލާފައިވާ މައްސަލައެއްގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުންނާ ގުޅިގެން މިނިސްޓްރީނ އެކަން ބަލަމުންދާ ކަމަށާއި އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުއްޖާގެ އާއިލާއާއި ކަމާ ބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކުއްޖާގެ ހުރުމަތަށާއި ކަމުގެ ހައްސާސްކަމަށް ރިއާޔަތްކޮށް، މީޑިއާއާއި މީސްމީޑިއާގައި އެ ކުއްޖާގެ އެއްވެސް ފޮޓޯއެއް ޝާއިއުނުކުރުމަށް ވެސް ޖެންޑާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެ މައްސަލައާ ގުޅޭގޮތުން ވާދޫ ކައުންސިލްގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟