ޕްރިންސް ހެރީ އަދި އަނބިކަބަލުން މޭގަން މާކަލް ޝާހީ އާއިލާގެ އިސް މެންބަރުންގެ މަގާމުން ރަސްމީކޮށް ވަކި ވާނީ މިމަހު 31 ގައެވެ.
ނުރުހުންވި ނަމަވެސް އެދެކަނބަލުންގެ ނިންމެވުމަށް އާއިލާއިންނާއި ރާނީ އެލިޒަބަތުވެސް ވަނީ އެއްބާރުލުން ދެއްވާފައެވެ. އަދި ޖެނުއަރީ މަހުން ފެށިގެން އެ ދެކަނބަލުން ވަނީ ދިރިއުޅުއްވުން ކެނެޑާއަށް ބަދަލު ކުރައްވާފައެވެ. އެ ނިންމުމާއި އެކު ރާނީ އަށް ފުން ހިތާމަފުޅެއް ލިބިވަޑައިގެންފައިވާ ކަމަށް ވެއެވެ.
ޕްރިންސްގެ މާމާފުޅު އަދި އިނގިރޭސި ރާނީ އެލިޒަބަތު ތިނެއްގެ އެދިވަޑައިގަތުމަކަށް ޕްރިންސް ހެރީގެ ދެކަނބަލުން ވަނީ އެކަމަނާއާ ބައްދަލު ކުރެއްވުމަށް ޝާހީ ގަނޑުވަރަށް ވަޑައިގެންފައެވެ. ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ރާނީ ވަނީ އެ ދެކަނބަލުންނާއެކީ މެންދުރުގެ ފަރީއްކޮޅަކަށް އިންސާފު ކުރައްވާފައެވެ.
ޕްރިންސް ހެރީ އާއި މޭގަން އެއްވެސް ހާލަތެއްގައި އަދި އެއްވެސް އިރެއްގައި އެނބުރި ޝާހީ އާއިލާއާ ގުޅިވަޑައިގަންނަވަން ބޭނުންފުޅު ވެއްޖެ ނަމަ އެދޮރު ހުޅުވިފައި ހުރި ވާހަކަ ރާނީ އެ ފަރީއްކޮޅުގައި ވިދާޅުވެފައިވާ ކަމަށް ވެއެވެ. ޝާހީ ގަނޑުވަރުން މައުލޫމާތު ދިން ފަރާތަކާ ހަވާލާދީ ފޮކްސް ނިއުސްގައި ބުނެފައި ވަނީ މާމަދަރިކަލުންނާއެކު ހޭދަކުރެއްވި އެވަގުތުކޮޅުގައި އެބޭފުޅުންގެ މެދުގައި އޮތް ވަހުމުތައް ނައްތާލެވިފައިވާ ކަމަށެވެ.
ރާނީގެ އެ ދައުވަތުގެ ސަބަބުން، ޝާހީ އެއްވެސް ލަގަބެއް ބޭނުން ނުކުރައްވަވައި އަމިއްލަފުޅު ފައިންޕުޅު މައްޗަށް ތެދުވެވަޑައިގަންނަވަން މަސައްކަތް ފައްޓަވާފައިވާ ޕްރިންސް ހެރީއަށްވެސް ހިތްވަރުފުޅު ލިބިވަޑައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕްރިންސް ހެރީގެ ދެކަނބަލުން މިވަގުތު ގެންދަވަނީ ކޮންމެވެސް ވިޔަފާރިއެއް ފެއްޓެވުމަށް ޓަކައި އެކި ކަހަލަ މަސައްކަތްތައް ބައްލަވަމުންނެވެ. މޭގަން އެނބުރި އަލުން ހޮލީވުޑަށް ވަޑައިގަތުމުގެ އަޑުތަކެއް ވެސް އަރާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ޑެއިލީ މެއިލްގައި އެކަމާ ގުޅޭގޮތުން ޖަހާފައިވާ ހަބަރެއްގައި ބުނެފައިވާ ގޮތުގައި މޭގަން ވަނީ އެކަމަނާގެ އެޖެންޓު ކައިރީ ފިލްމެއްގެ ރޯލު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަޑުތައް އަރާފައިވާ ގޮތުގައި މޭގަން ކުޅުއްވާނީ ސުޕަހީރޯ ފިލްމެކެވެ. ނަމަވެސް އެކަން ރަސްމީކޮށް އެއްވެސް ތާކުން ހާމަކޮށްފައެއް ނުވެއެވެ.
ޑޫކް އެންޑް ޑަޗާސް އޮފް ސުސެކްސް (ޕްރިންސް ހެރީގެ ދެކަނބަލުން) ޝާހީ މަސައްކަތުން ދުރުވެވަޑައިގެން ކެނެޑާއާއި އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަން ނިންމެވި ނިންމެވުމަށް ރާނީ ރުހުން ދެއްވީ ޖެނުއަރީ މަހުގެ ތެރޭގައެވެ.