ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަވިން 51 މެގަވޮޓުގެ ކަރަންޓު އުފައްދަން މިއަހަރު އިތުރު ސޯލާ ޕެނަލްތައް ހަރުކުރާނަން: ރައީސް

1

މިދިޔަ އަހަރުގެ ތެރޭގައި ހަރުކުރި ސޯލާ ޕަނަލްތަކުން 5.2 މެގަވޮޓުގެ ކަރަންޓު އުފެއްދޭނެ ކަމަށާއި އަވިން 51 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް މިއަހަރުވެސް އިތުރު ސޯލާ ޕެނަލްތައް ހަރުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކަރަންޓުގެ ހިދުމަތަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށްޓަކައި ސަރުކާރުން މިހާރު ގެންދަނީ އަވިން ކަރަންޓު އުފައްދާ ނިޒާމުތައް މާލެ އާއި އެހެން ރަށްރަށުގައި އިތުރުކުރަމުން ކަމަށެވެ.

"މިދިޔަ އަހަރުގެ ތެރޭގައި ވެސް އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ވެސް 40 ރަށެއްގައި ގާއިމުކުރެވިއްޖެ. އެއީ މި ނިޒާމުތަކުން 5.2 މެގަވޮޓުގެ ކަރަންޓު އުފެއްދޭނެ. މި ނިޒާމުތައް ގާއިމުކުރުމުން ރާއްޖޭގެ ކަރަންޓު ވިއުގައިގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ ހިމެނޭ މިންވަރު މިވަނީ 21.5 މެގަވޮޓަށް އިތުރުކުރެވިފައި. މިހާރު މުޅި ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 7.5 އިންސައްތައަކީ އަވިން އުފައްދާ ކަރަންޓު. އިތުރު 51 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް އިތުރު ރަށްރަށުގައި މިއަހަރުގެ ތެރޭގައި ސޯލާ ޕެނަލްތައް ހަރުކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްޓެލްކޯގެ ކަރަންޓު ވިއުގައިގެ ތެރޭގައި މިހާރު 3.14 މެގަވޮޓުގެ ސޯލާ ހަރުކުރެވިފައިވާތީ އެވަރެޖުކޮށް ދުވާލަކަށް 3800 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭ ކަމަށާއި އެ ނިސްބަތުން ބަލާނަމަ، މަހެއްގެ މައްޗަށް އެވަރެޖްކޮށް 1.2 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ ކަމަށެވެ. އަދި އަވީގެ އިތުރުން ވައިންނާއި އޮއިވަރުން ވެސް ކަރަންޓު އުފެއްދުމުގެ ފުރުސަތު އޮތީ ކިހާވަރަކަށްތޯ ބެލުމަކީ އިޔާދަކުރަނިވި ހަކަތައަށް އިސްކަންދޭން ވިސްނާއިރު މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ފަސް އަހަރުގެ ޕްލޭނެއް ސްޓެލްކޯ އިން މިހާރު ވަނީ އެކުލަވާލާފައި. އެ ޕްލޭން ފުރިހަމަވެގެންދާއިރު ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ. އޭރުން ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހޭދަކުރާނެ ފައިސާ ވެސް އިތުރުވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ސަރުކާރުން މިހާރު އިސްކަން ދީފައިވާނީ ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލް އަންދަން ޖެހޭ މިންވަރު މަދުކުރުމަށް ކަމަށާއި އެކަން ކުރެވެން އޮތީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟