އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރު ކުރުމަށް ސްޓެލްކޯ އިން ހިންގާ މަޝްރޫއު، "ގްރީން ލައިފް އިނީޝިއޭޓިވް" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފިއެވެ.
ގްރީން ލައިފް އިނީޝިއޭޓިވް މަޝްރޫއު ރައީސް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯއަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ފަސް އަހަރުގެ ޕްލޭނެއް ސްޓެލްކޯ އިން މިހާރު އެކުލަވާލާފައިވާ ކަމަށާއި އެ ޕްލޭން ފުރިހަމަވެގެންދާއިރު ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި އޭރުން ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހޭދަކުރާނެ ފައިސާ ވެސް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކަރަންޓުގެ ހިދުމަތް ދިނުމުގައި ވެސް ސަރުކާރުން މިހާރު އިސްކަން ދީފައި ވާނީ ވެސް ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލް އަންދަން ޖެހޭ މިންވަރު މަދުކުރުމަށް. އެކަން ކުރެވެން އޮތީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން. ރާއްޖޭގައި މިހާތަނަށް ބޭނުންކުރާ އިޔާދަކުރަނިވި ހަކަތައަކަށް މިއޮތީ ހަމައެކަނި އަވިން އުފައްދާ ހަކަތަ. އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށްޓަކައި ސަރުކާރުން މިހާރު މި ގެންދަނީ އަވިން ކަރަންޓު އުފައްދާ ނިޒާމުތައް މާލެ އާއި އެހެން ރަށްރަށުގައި އިތުރުކުރަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ވެސް އަވިން ކަރަންޓު އުފައްދާ ނިޒާމުތައް 40 ރަށެއްގައި ގާއިމުކުރެވިފައިވާ ކަމަށާއި އެ ނިޒާމުތަކުން 5.2 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ ކަމަށެވެ. އަދި އެ ނިޒާމުތައް ގާއިމުކުރުމުން ރާއްޖޭގެ ކަރަންޓު ވިއުގައިގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ ހިމެނޭ މިންވަރު 21.5 މެގަވޯޓަށް އިތުރުކުރެވިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިހާރު މުޅި ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 7.5 އިންސައްތައަކީ އަވިން އުފައްދާ ކަރަންޓު. އިތުރު 51 މެގަވޯޓުގެ ކަރަންޓު އުފެއްދުމަށް އިތުރު ރަށްރަށުގައި މިއަހަރުގެ ތެރޭގައި ސޯލާ ޕެނަލްތައް ހަރުކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސްޓެލްކޯގެ ކަރަންޓު ވިއުގައިގެ ތެރޭގައި މިހާރު 3.14 މެގަވޯޓުގެ ސޯލާ ހަރުކުރެވިފައިވާތީ އެވަރެޖުކޮށް ދުވާލަކަށް 3800 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭ ކަމަށާއި އެ ނިސްބަތުން ބަލާނަމަ، މަހެއްގެ މައްޗަށް އެވަރެޖްކޮށް 1.2 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ ކަމަށެވެ.