ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

2023ގެ ކުރިން ފްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުން: ރައީސް

ރާއްޖެއަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުން ނުކުރާ ގައުމެއްގެ ގޮތުގައި 2023 ވަނަ އަހަރުގެ ތެރޭގައި ކަނޑައަޅަން ސަރުކާރުން ނިންމި އަމާޒަށް ވާސިލުވުމަށް ކަމާ ގުޅޭ އިދާރާތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކަރަންޓުގެ ހިދުމަތަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށްޓަކައި ގާނޫނީގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ ކަންކަން، ރައްޔިތުންގެ މަޝްވަރާއާއެކުގައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.

"ސަރުކާރުން މިހާރު ނިންމާފައިވަނީ ރާއްޖެއަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުން ނުކުރާ ގައުމެއްގެ ގޮތުގައި 2023 ވަނަ އަހަރުގެ ތެރޭގައި ކަނޑައެޅުން. އެ އަމާޒަށް ވާސިލުވުމަށްޓަކައި ގާނޫނީގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ ކަންކަން، އަދި ރައްޔިތުންގެ މަޝްވަރާއާއެކުގައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން މިހާރު އެ އަންނަނީ ހަމަޖައްސަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެހި ދިރިއުޅުމުގެ އަސާސަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކަށް ނޫނެކޭ ބުނުން ކަމަށާއި އޭގެ ބަދަލުގައި ބިއްލޫރި ފުޅިއާއި މައުދަނީ ފުޅި ބޭނުންކުރަން ފަށަން ޖެހޭ ކަމަށެވެ. އަދި ގިނަ ދުވަހު ބޭނުންކުރެވޭ ޒާތުގެ ފޮތި ކޮތަޅާއި ކަރުދާސް ކޮތަޅު ބޭނުންކުރަން ފަށަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެއީ ހަމައެކަނި އޮފީސްތަކާއި ކުންފުނިތަކާއި ސްކޫލު މާހައުލުގައި އާލާކުރަންވީ އާދަތަކެއް ނޫން ކަމަށާއި ކޮންމެ ގޭބިސީއެއްގައި ވެސް މި މަގަށް ކަންކަން ބަދަލުކުރުމުގެ ވަގުތު ޖެހިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ތިޔަބޭފުޅުންގެ އަމާޒަކަށް ދެން ހައްދަވަންވީ ތިޔަބޭފުޅުން ދިރިއުޅުއްވާ ގެ ވެސް ފެހި ދިރިއުޅުމަކަށް ބަދަލުކުރެއްވުން. ޕްލާސްޓިކުގެ ނުރައްކަލުން އަޅުގަނޑުމެންގެ ވެށި ރައްކާތެރިކުރެވޭނީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިގެން. އަޅުގަނޑުމެންގެ ކަނޑުތަކަށާއި ފަރުތަކަށް ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅި އެޅުން ހުއްޓޭނީ އަޅުގަނޑުމެންގެ ދިރިއުޅުމުން ޕްލޭސްޓިކް ބޭރުކޮށްގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކަށް ސަރުކާރުން އިސްކަންދޭ ކަމަށާއި ކަރަންޓުގެ ހިދުމަތް ދިނުމުގައި ވެސް ސަރުކާރުން މިހާރު އިސްކަން ދީފައިވާނީ ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލް އަންދަން ޖެހޭ މިންވަރު މަދުކުރުމަށް ކަމަށެވެ.