ޚަބަރު

ވަކީލުންގެ ޕެޓިޝަން މަޖިލީހަށް ހުށަހަޅައިފި

އައިދާ އަބްދުލް ހަކީމް

ގާނޫނީ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް 389 ފަރާތުގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފާސްކުރި ގާނޫނު ބުނާގޮތުން ވަކީލުކަމުގެ ލައިސަންސް ލިބޭނީ އެއް އަހަރު ދުވަހުގެ ތަމްރީނެއް އަދި ބާ އިމްތިހާނެއް ފުރިހަމަ ކުރުމުންނެވެ. ބާ އިމްތިހާނެއް ހެދުމުން ނޫނީ ހުއްދަ ނުލިބޭއިރު މި އިމްތިހާނު ތައްޔާރުކުރުމަށް ދެ އަހަރެއްހާ ދުވަސް ހޭދަވާނޭ ކަމަށް މީގެ ކުރިން ބާ ކައުންސިލުން ވަނީ ބުނެފައެވެ. އެއާއެކު މިފަހުން ދަސްވެނިވުނު ގިނަ ދަރިވަރުން ތިބީ ހުވާކުރެވޭނެ ތާރީހެއްވެސް ނޭނގިފައެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ގާނޫނީ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ފާހަގަކޮށް 389 ވަކީލުންގެ ސޮޔާއެކު ޕެޓިޝަން މާދަމާގެ ޖަލްސާއަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޕެޓިޝަނުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ގިނަ ދަރިވަރުންނަކީ ވަޒީފާގައި އުޅޭ ދަރިވަރުންނަށް ވުމާއެކު ވަޒީފާގައި އުޅެމުން ގާނޫނުގައިވާ ތަމްރީނު ފުރިހަމަކުރުމަކީ ކުރެވޭނެކަމެއް ނޫން ކަމަށާއި ވަޒީފާ ދޫކޮށްލުމަކީ ދަރިވަރުންނަށް އެތައް ގޮތަކުން ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

އެއް އަހަރު ދުވަހުގެ ތަމްރީނު ފުރިހަމަކުރުމަށް ކިޔަވައި ނިންމައި އިތުރު އަހަރެއް މަޑުކުރުމަކީ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ނިންމި އިރު އެއްވެސް ވަރަކަށް ދަރިވަރުންގެ ހިޔާލަށް ގެނެވުނު ކަމެއް ނޫން ކަމަށާއި ޕްރައިވެޓް ލޯ ފާމްތަކަކީ އެބޭފުޅުންގެ އަމިއްލަ މަދު ވަސީލަތްތަކުން ހިންގަމުންދާ ފާމްތަކަށްވެފައި، އެފަދަ ލޯ ފާމްތަކުން ތަމްރީނު ހޯދުމަށް ދަރިވަރުންގެ އަތުން އިތުރު ފީއެއް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން އެއީ ގާނޫނުގެ ރޫހާއި ހިލާފަށް ހުޅުވިގެންދާ ވިޔަފާރީގެ ދޮރެއްކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރަށް އެ ޕެޓިޝަނުގައި ބުނެފައިވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދުގައި ބުނާ ޝަރުތުތައް ހަމަވާ ސުޕަވައިޒަރުންގެ އަދަދު ކޮންމެ އަހަރަކު ކިޔަވައި ނިމޭ އެތައް ސަތޭކަ ދަރިވަރުންނާއި އަޅާބަލާއިރު މަދު ކަމަށާއި ގާނޫނު މާޒީގެ މައްޗަށް ހިނގައި ގާނޫނުގެ ކުރިން ކިޔަވަމުންދިޔަ ދަރިވަރުން އަދި ދަސްވެނިވުނު ދަރިވަރުންގެ މައްޗަށް ހިނގުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ. އަދި މާލޭގެ އިތުރުން އެހެން ރަށްތަކުގެ ކެމްޕަސްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ތަމްރީނު ފުރިހަމަކުރުމަށް އޮންނަ ޝަރުތުގެ ސަބަބުން ދަތިތަކާ ކުރިމަތިވެގެންދާކަން އެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމާއި، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓް ކުރަނީ ބާ ކައުންސިލުންނެވެ.