ޚަބަރު

އިންތިހާބު ލަސްކުރަން އެއްވެސް ޕާޓީއަކުން އެދިފައެއް ނެތް: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ލަސް ކުރުމަށް އެއްވެސް ޕާޓީއަކުން އެދިފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މިއަދު ވަނީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ވެރިކަންކުރާ އެމްޑީޕީން އިލެކްޝަންގައި އެދޭނެކަން މާކުރިން ވެސް އެނގޭ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ.

އެކަމާ ގުޅިގެން އިލްކެޝަން ކޮމިޝަންގެ ނައިބު ރައީސް އަދި އެކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް "ވަން" އަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި އެއްވެސް ފަރާތަކުން ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

އަދި އިލެކްޝަން ކޮމިޝަނުން މިހާރު ވެސް ތައްޔާރުވަމުން މިދަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން އިންތިހާބުގެ ގުރުނެގުން ވެސް މިރޭ އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވާ ގޮތުގައި، އެމްޑީޕީން އިންތިހާބު ލަސްކުރަން އުޅެނީ މަޝްރޫއުތައް ފެށުމަށް ވަގުތު ހޯދައިގެން އެމްޑީޕީއަށް ގެއްލިފައިވާ ތާއީދު ހޯދުމަށެވެ.