ޚަބަރު

ވިލްސްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް އުފައްދައިފި

އައިދާ އަބްދުލް ހަކީމް

ވިސިލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ވިލްސްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް ގާއިމުކޮށް، މައްސަލަ ބަލަން ފަށައިފިއެވެ.

ވިލްސްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަކީ ސިއްރުކޮށް މައުލޫމާތު ހުށަހެޅުމާއި، ބަލައިގަތުމާއި، މައުލޫމާތުތައް ތަހުގީގު ކުރުމެވެ. އެޗްއާރްސީއެމް ވަނީ އެ ޔުނިޓް ހިންގާނެ ގޮތުގެ ގަވައިދު އެކުލަވާލައި، މިއަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އާންމުކޮށްފައެވެ.

އެޗްއާރްސީއެމުން ބުނީ އެ ޔުނިޓަށް ސިޓީ މެދުވެރިކޮށްގެންނާއި މައްސަލަ ހުށަހަޅާ ފޯމަކުން ނުވަތަ އީމެއިލް މެދުވެރިކޮށްގެންނާއި ވެބްސައިޓް މެދުވެރިކޮށް އަދި އެ ޔުނިޓަށް ހާޒިރުވެ، ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގައި ގާއިމުކުރަންޖެހޭ އެތެރޭގެ އިންތިޒާމްތައް ގާއިމުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، "ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މައުލޫމާތުތައް ތަހުގީގުކޮށް، ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިން" އެކުލަވާލައި ގާނޫނުގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަކީ ހިއުމަން ރައިޓްސް ކޮމިޝަނުގައި ގާއިމުކުރާ ޔުނިޓެއް ނަމަވެސް، އެ ޔުނިޓަކީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޔުނިޓެކެވެ. ވިސިލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ ޔުނިޓުގެ އިސްވެރިޔާ ޖަވާބުދާރީވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށެވެ. ނަމަވެސް އެ ކޮމިޓީގެ އިސްވެރިޔާ ކަނޑައަޅަން ޖެހެނީ އެޗްއާރުސީއެމުން ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ވިލްސްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން އެޗްއާރުސީއެމަށް މައުލޫމާތު ހިއްސާކުރެވޭނީ ވަކި މިންވަރަކަށެވެ. އެއީ؛

  • ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ބަލަމުންދާ މައްސަލަތަކުގެ ބާވަތްތަކާއި އަދަދުތައް.
  • ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ބަލައި ނިމިފައިވާ މައްސަލަތަކުގެ ބާވަތްތަކާއި އަދަދުތައް.
  • ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ތަހުގީގު ނުކުރަން ނިންމާ މައްސަލަތަކުގެ އަދަދާއި ތަހުގީގު ނުކުރަން ނިންމި ސަބަބުތައް.
  • ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކުރަމުންދާ މަސައްކަތްތަކުގައި ދިމާވާ ދަތިކަންކަމާއި އިދާރީގޮތުން އެހީތެރިކަން ބޭނުންވާ ކަންކަން.

ކޮރަޕްޝަން ފަޅާ އަރުވާލާ މީހުން (ވިސްލް ބްލޯކުރާ ފަރާތްތައް) ހިމާޔަތްދޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު އަށްވަނަ ދުވަހުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު 18 ގައެވެ.

ވިސްލްބްލޯ ކުރާ މީހާއަށް ލިބި ދޭންޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯ ކޮށްގެން މައުލޫމާތު ހުށަހެޅުމުން މައުލޫމާތު ބަލައިގަންނަ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ނޭދެވޭ އަމަލުތައް ހުއްޓުވައި، ދެ ފުށް ފެންނަ، ޖަވާބުދާރީވަނިވި، ނަޒާހަތްތެރި ސަގާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތައް ވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި، ވިސްލްބްލޯ ކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯ ކުރުމަށް ހިތްވަރު ދިނުމާއި ވިސްލްބްލޯ ކުރުމުން ލިބޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް، ފިޔަވަޅު އެޅުން ހިމެނެއެވެ.

ކޮރަޕްޝަން ފަޅާ އަރުވައިލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވުމަކީ ވެސް އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.