ޚަބަރު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން ވަޒީރުންނަށް މައުލޫމާތު އަރުވައިފި

އަލީ ޔާމިން

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ، ވަޒީރުންނަށް މިއަދު މައުލޫމާތު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ކެބިނެޓް ވޯކިން ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި ރައީސް އޮފީހުގެ މިނިސްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމިޝަނަރު ފިޔާޒު ފާހަގަކުރެއްވި ގޮތުގައި ބައެއް ހާލަތްތަކުގައި ގޮންޖެހުންތައް ހުރި ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނަށް މުއައްސަސާތަކުން އަމަލުކުރާ މިންވަރު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް އިތުރަށް ވެސް ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު ވިދާޅުވީ މި ދައުލަތަށް އެންމެ ހެޔޮ ގޮތަކީ ހާމަކަން ވީހާ ވެސް ބޮޑުކުރުމާއި، ބިރެއް ނެތި މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ގާއިމުކުރުން ކަމަށެވެ. އަދި ހެޔޮ ހިންގުމުގެ ނިޒާމަކަށް އެންމެ މުހިންމު ކަމަކީ ވެސް ހާމަކަން ބޮޑުކުރުން ކަމަށާއި ނަޒާހަތްތެރި ދައުލަތެއް އުފެދޭނީ ވެސް މައުލޫމާތު ހާމަކަން ބޮޑުވި މިންވަރެއްގެ މައްޗަށް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހަށް ޕްރެޒެންޓޭޝަނެއް ދެއްވުމަށް ފުރުސަތު ދެއްވިކަމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ވަނީ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވައިފައެވެ.