ޖުމްހޫރީ ޕާޓީގައި މިއަދު އޮތީ "ޓަފު" ޓީމެއް ކަމަށާއި 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ނުކުމެ ޖޭޕީން ނަތީޖާ ދައްކާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މިމަހުގެ 13 ވަނަ ދުވަހު ބާއްވާ ޖަލްސާގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމު އަހުމަދު ވިދާޅުވީ، ޕީޕީއެމް އާއި އެމްޑީޕީ ވެސް ޓެސްޓް ކުރެވިއްޖެ ކަމަށާއި މިހާރު ބޭނުންވަނީ ބަދަލެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ވަރަށް ތަޖުރިބާކާރު ބޭފުޅުން ޖޭޕީގައި މިހާރު އެބަ ތިއްބެވި ކަމަށާއި އެއީ ޓަފު ޓީމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ހުރިހާ އެއްޗެއް ޓެސްޓު ކުރެވިއްޖެ. ޕީޕީއެމް ވެސް ޓެސްޓް ކުރެވިއްޖެ އެތައް ފަހަރެއްގެ މަތިން އެކި ނަން ނަމުގައި އެކި ގޮތްގޮތަށް. އެމްޑީޕީ ވެސް ޓެސްޓު ކުރެވިއްޖެ އެކި ގޮތް ގޮތަށް އެކި ނަން ނަމުގައި، ގައިމުވެސް ދެ ޗޮއިސް ދެ ފަހަރު ޓެސްޓު ކުރެވިއްޖެ. އެކަމަކު ހަމަ ސޭމް... އެހެންވީމަ ރާއްޖޭގެ ރައްޔިތުންނަށް އެބަ ބޭނުންވޭ އިތުރު ޗޮއިސެއް. އެ ޗޮއިސް ހޯދުމަށްޓަކައި އެތައް ބަޔަކު ގުޅެމުންދަނީ މި ޕާޓީއާ،" އިލްހާމް ވިދާޅުވިއެވެ.
ގާސިމްގެ އަނެއް އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ކުދި އިންތިހާބުތަކަށް އެޕާޓީން ސަމާލުކަން ނުދޭ ކަމަށާއި ޖޭޕީގެ އަސްލު ސައިޒު ފެންނާނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުން ކަމަށެވެ.
އެގޮތުން ޖޭޕީން މިމަހުގެ 13 ވަނަ ދުވަހު ކާނިވާ ސަހަރައްދުގައި ބާއްވަން ތައްޔާރުވަމުން އަންނަ ޖަލްސާއަށް މީހުން އަންނާނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އުފަލުން ކަމަށާއި އެ މަންޒަރު ޕާޓީގެ ސަޕޯޓަރުންގެ ކިބައިން މިހާރު ވެސް ފެންނަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކީ އިންތިހާބު، ހާއްސަކޮށް ރިޔާސީ އިންތިހާބަކަށް އެންމެ ވަރުގަދައަށް ތައްޔާރުވުން. މި ހުންނަ ކުދިކުދި އިންތިހާބުގައި ބައިވެރިވުން އެއީ ޖޭޕީއަށް އެހާ މުހިއްމު، އިސްކަންދޭ ކަމެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީގެ 127 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެޕާޓީން 56 ކެންޑިޑޭޓުން ވާދަކުރެއެވެ.