ޚަބަރު

މިނިިމަމް ވޭޖާ ބެހޭގޮތުން މަޝްވަރާކުރަން ނިންމައި، އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތައް މަޖިލީހުން މާދަމާރޭ ފަށަނީ

އިބްރާހިމް ޒަކީ

މަސައްކަތްތެރިންނަށް ދޭ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) ކަނޑައެޅުމާ ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށްޓަކައި، އެކަމަށް މަޝްވަރާ ކުރުމަށް އެޖެންޑާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކާއި އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަށާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން މާދަމާރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގޮތުން ބާއްވާ ފުރަތަަމަ ބައްދަލުވުން މާދަމާރޭ 8:15 ގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ.

މާދަމާރޭގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭގޮތުން ކަަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މާދަމާރޭ 8:15ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހާޒިރުވުމަށް ހުރިހާ ފަރާތްތަކަށް ދަންނަވާ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ މަޖިލީހުގެ ލަފައަކަށް އެދިފައެވެ. އެކަމަށްޓަކައި ދެ ފަރާތަކުން މިނިސްޓަރަށް އަރުވާފައިވާ، ލަފައާބެހޭ ދެ ރިޕޯޓެއް މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. އެކަމަށް މަޖިލީހުން ލަފާ ދިނުމަށް އެ ދެ ރިޕޯޓު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި މިނިމަމް ވޭޖް ބޯޑުން މިނިސްޓަރަށް ލަފާ ދީފައިވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އެއީ ވަކި ސިނާއަތެއް އިސްތިސްނާ ނުވާ ގޮތަށެވެ. ނަމަވެސް މިނިމަމް ވޭޖް ފުރަތަމަ ލާޒިމު ކުރާއިރު ބިދޭސީން ނުހިމަނާނެ ކަމަށް ބުނެފައިވެއެވެ. އަދި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދީފައިވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،000 ރުފިޔާ އާއި 6،500 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.