ފިލްމީ ތަރި މަލީހާ ވަހީދު (މަލް) މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ގެންދިއުމުން އޭނާ ބަންދުން ދޫކޮށްލަން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މަލް ބަންދުން ދޫކޮށްލަން ކުރި ހުކުމް ހައިކޯޓުން އިއްޔެ ބާތިލުކުރީ މަލްގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުކުރެވޭތީ އާއި އޭނާއާ ދެކޮޅަށް އެ މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކި ހުރުމުން ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ. މަލް ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ދައުލަތުން އެދުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށްވެފައި، އޭނާ ބަންދުން ދޫވެފައި ހުރުމުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.
ދައުލަތުން އޭނާގެ މައްޗަށް މަސްތުވާތަކެތީގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 27ގައި އިތުރު އަންހެނަކާއެކު އދ. މާމިގިއްޔަށް ކުރި ދަތުރުގައި މަލްގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައިގައެވެ.
މި މައްސަލައާ ގުޅިގެން މާމިގިލީ ބަނދަރުމަތިން މަލް އާއި އޭނާއާއެކު ދަތުކުރި މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އެ ދެ މީހުންގެ އަތްދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފުލުހުން މައްސަލަ ފޮނުވުމުން މަލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދެ ދައުވާއެކެވެ. އެއީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެވެ.
އެހެންނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26ގައި ނިންމީ މަލް އާއި އޭނާއާ އެކުގައި ހައްޔަރުކުރި އަންހެން މީހާވެސް ބަންދުން ދޫކޮށްލުމަށެވެ. ކްރިމިނަލް ކޯޓުން މަލް ދޫކޮށްލުމުން ޕީޖީން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެވެ.
މަލްގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. މަލް ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި މަސްތުވާކެތީގެ ދައުވާއަށް އިންކާރުކޮށްފައެވެ.