ހދ. ނޮޅިވަރަމުން ދިރިއުޅުމަށް ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް ނޮޅިވަރަމު ކައުންސިލުން އާންމު ކޮށްފިއެވެ.
ނޮޅިވަރަމުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ 14 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅިގެން ގޯތި ހޯދުމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އެރަށު ކައުންސިލުން އިއުލާނު ކުރީ މިއަދު އެވެ.
އެރަށު ކައުންސިލުން މިއަދު ކުރި އެހެން އިއުލާނެއްގައި ބުނީ ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމަށްޓަކައި ގުރުއަތުލުން މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ 20:45 ގައި ނޮޅިވަރަމް ސްކޫލް ހޯލްގައި އޮންނާނެ ކަމަށެވެ.
ކައުންސިލުން ބުނީ ގުރުއަތުގައި ބައިވެރި ވެވޭނީ ގޯތި ލިބޭ ފަރާތް ނުވަތަ ފޯމުގައި ބަދަލުގައި ހަމަޖައްސާފައިވާ ފަރާތަށް ކަމަށެވެ. އަދި އެހެން ފަރާތެއް ގުރުއަތު ނެގުމަށް ހަމަޖައްސަން ބޭނުންވާ ނަމަ މިމަހުގެ އަށް ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ބަދަލުގައި ހަމަޖައްސާ ފަރާތުގެ (އައިޑީކާޑް ކޮޕީ އަކާއެކު) މައުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ގުރުއަތުގައި ބައިވެރިވުމަށް ދާއިރު އައިޑީކާޑް ގެންދަން ޖެހޭނެ ކަަމަށް ވެސް ނޮޅިވަރަމު ކައުންސިލުން ވަނީ ބުނެފައެވެ.