ޚަބަރު

ބޯޑާ ސެކިއުރިޓީ އަދި ކައުންޓަ ޓެރަރިޒަމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

އައިދާ އަބްދުލް ހަކީމް

މޯލްޑިވްސް އިމިގްރޭޝަނާއި، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އަދި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ކައުންޓަ-ޓެރަރިޒަމް (ޔޫއެންއޯސީޓީ) ގުޅިގެން ބޯޑާ ސެކިއުރިޓީ އާއި ގުޅޭ ވޯކްޝޮޕެއް ފަށައިފިއެވެ.

'އެޑްރެސިން ބޯޑާ ސެކިއުރިޓީ އެންޑް ކައުންޓަ ޓެރަރިޒަމް ބައި ސްޓްރެންތެނިން އިންޓަ-އެޖެންސީ ކޯޕަރޭޝަން އިން ބޯޑާ މެނޭޖްމެންޓް' ގެ ނަމުގައި މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބަނޑޮސް އައިލެންޑް ރިޒޯޓް ގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފވެރި ކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) އެވެ.

މިބައްދަލުވުމުގައި ބޯޑާ ބެލެހެއްޓުމުގައި އަމަލު ކުރާ ފުރިހަމަ އުސޫލުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދީ، ޓެރަރިޒަމާއި އަދި ބޯޑާ ހުރަސްކޮށް ހިންގާ މިފަދަ ކުށްތައް ހުއްޓުވުމަށާއި، ކަމާއި ގުޅުންހުރި އިދާރާތަކުގެ ގުޅުމާއި ގާބިލުކަން ކުރިއެރުވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

ތިން ދުވަހުގެ މުއްދަތަށް ބާއްވާ މިމަސައްކަތު ބައްދަލުވުމުގައި ކައުންޓާ ޓެރަރިޒަމުގެ ސަބަބުން ބޯޑަރުގެ ސަލާމަތާއި ގުޅުން ހުރި މައްސަލަތައް ދެނެގަނެވޭނެ ގޮތްތަކުގެ މައުލޫމާތު ހިއްސާ ކުރާނެއެވެ. ޓެރަރިޒަމަކީ ބޯޑާގެ ސަލާމަތާއި ގުޅުން ހުރި ކަމަކަށް ވާތީ، މިމަސައްކަތު ބައްދަލުވުމުގެ މަގުސަދަކީ ބޯޑާ ވަރުގަދަކޮށް ޓެރަރިޒަމް ހުއްޓުވުމަށް މަސައްކަތް ކުރުމެވެ.

މިއަދުން ފެށިގެން މިމަހުގެ ހަ ވަނަ ދުވަހާއި ހަމަޔަށް ކުރިޔަށްގެންދާ މިމަސައްކަތު ބައްދަލުވުމުގައި ޖުމުލަ 26 ފަރާތެއް ބައިވެރިވެފައި ވެއެވެ.