އަލީ ޔާމިން
ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ނުލިބިގެން ރައީސް ޔާމީން ޒިޔަތަށް ގުޅުއްވި ކަމުގެ އެއްވެސް ހެއްކެއް ފެންނާން ނެތްކަމަށް ރައީސް ޔާމީންގެ ވަކީލުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް އުފުލި ދައުވާ ސާބިތުވެ، ކުރިމިނަލް ކޯޓުން ވަނީ ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާކޮށްފަ އެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން އިއްވި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި އެވެ. އެ މައްސަލާގައި މިހާތަނަށް ހަތަރު އަޑުއެހުމެއް ބާއްވައިފައިވާއިރު، މިއަދު ހެނދުނު ބޭއްވި އަޑުއެހުމަކީ ރައީސް ޔާމީންގެ އިސްތިއުނާފީ ނުކުތާތައް ތަފްސީލުކޮށް ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ.
މީގެ ކުރީ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން އިސްތިއުނާފީ 75 ނުކުތާ ހުލާސާކޮށް ހުށަހެޅުއްވި އެވެ. އަދި އޭގެ ތެރެއިން 10 ނުކުތާއެއްގެ ތަފްސީލަށް ދިޔަ އެވެ. މިއަދުގެ އަޑުއެހުމުގައި ވަކީލުން ވަނީ 11 ވަނަ ނުކުތާއިން ފެށިގެން 75 ވަނަ ނުކުތާގެ ތަފްސީލު ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.
މިއަދު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވި ހެކީންގެ ވާހަކައެވެ.
ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ދެއްވާފައިވާ ހެކިބަހުގައި ގަބޫލު ކުރަން ދަތި ކަންތައްތަކެއް އެކުލެވޭ ކަމަށެވެ.
އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމާއި އެ ބޭފުޅުންގެ ހެކި ބަސް ބަލައިގަނެގެން ނުވާނެ ކަމަށް ވިދާޅުވެ ޝިޔާޒް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ޒިޔަތު ދައްކަވާފައިވާ ވާހަކަތަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ނުލިބިގެން ރައީސް ޔާމީން ގުޅުއްވި ކަމާއި އެ ފައިސާ ހަވާލު ކުރީ ރައީސް ޔާމީން އެންގެވި ފަރާތްތަކާ ކަމަށް ޒިޔަތު ވިދާޅުވެފައިވީ ނަމަވެސް އެއަށް ބާރުދޭ އެއްވެސް ކިތާބީ ހެއްކެއް ފެންނަން ނެތި ރައީސް ޔާމީނަށް ހުކުމް އިއްވުމުގައި ޒިޔަތުގެ ހެކިބަހަށް ރިޔާއަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާޒް ވިދާޅުވީ، ކުށް ކުރުމުގެ ނިޔަތެއް ރައީސް ޔާމީންގެ ނެތް ކަމަށާއި އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފަައިސާ އެ އެކައުންޓުން ނަގައި، އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރެއްވިއިރު އެ ފައިސާއާ މެދު ޝައްކެއް ނެތް ކަމާއި އެފަދަ ޝައްކެއްގެ ވާހަކަ އޭސީސީން ވެސް އެމްއެމްއޭއިން ވެސް އަންގާފައި ނުވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ޝިޔާޒު ވިދާޅުވީ ރައީސް ޔާމީން މަނީލޯންޑްރިންގެ ކުށް ކުރެއްވި ކަމަށް ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް އަދި ކުށުގެ ކުށުގެ އުންސުރުތައްވެސް ދައުލަތުގެ ވަކީލުންނަށް ސާފުކޮށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅަން ހުރި ހުރިހާ ނުކުތާއެއް ހުށަހަޅައި ނިމުމުން މިއަދުގެ އަޑުއެހުން ނިންމާލީ އެ ހުށަހެޅުންތަކަށް ދައުލަތުން ޖަވާބުދާރީވުމަށް މިމަހުގެ ފަސް ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރަމުންނެވެ.
މިއަދުގެ އަޑުއެހުމަށްވެސް ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން ހިމެނޭހެން ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުން ވަނެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ފަހު ރައިސް ޔާމީން ވަނީ ބަޔާނެއް ނެގުމަށް ފުލުހަށް ހާޒިރު ކޮށްފައެވެ.