ޚަބަރު

އަސްއަދުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންގޮސްފި

އަހުމަދު ޖައިޝަން

ކޮރަޕްޝަންގެ މައްސަލަތައް ބަލައި ދައުލަތުން ގެއްލުނު ފައިސާތައް ހޯދުމަށް އެކުލަވާލާފައިވާ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ އަހުމަދު އަސްއަދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންގޮސްފިއެވެ.

އަސްއަދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ކޮރަޕްޝަންގެ ދައުވާ، ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވަނީ އިއްޔެ އެވެ.

ކްރިމިނަލް ކޯޓުގައި އަސްއަދުއާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައިވަނީ ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށް ފަހު، ހަމައަށް އެ ފޮތްތައް ނުލިބުމުނު ކަމަށް ބުނެއެވެ. އަދި ބައެއް ފޮތްތަކުގައި ކުށްތައް ހުރުމުގެ ސަބަބުން ދައުލަތަށް 30 މިލިއަން ރުފިޔާ ގެއްލުނު ކަމަށް ބުނެ އޭނާއާ ދެކޮޅަށް ވަނީ ކޮރަޕްޝަންގެ ދައުވާ އުފުލައިފައެވެ.

އެ މައްސަލަ ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަސްއަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ވަނީ ކުރީން ފޮނުވައިފައެވެ.

އެ މައްސަލައިގައި ބުނެފައިވަނީ ފޮތްތައް ހަމައަށް ނުލިބޭ ކަމަށް ރައީސް އޮފީހުން ބުނެފައި އޮއްވައި ފޮތްތައް ލިބުނު ކަމަށް ބަޔާންކޮށް އިންޓާނަލް މެމޯ ތައްޔާރުކޮށް ފައިސާ ދޫކުރަން އަސްއަދު އެންގެވުމަކީ، ނުލިބޭ މުދަލަކަށް ފައިސާ ދޫކުރަން އެންގެވުން ކަމަށެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ކޮމިޝަންގައި އަސްއަދު އިނުމާ ގުޅިގެން އޭނާއަށް ވަނީ ފާޑުކިޔުން ރައްދުވެފައެވެ. ކޮރަޕްޝަންގެ ދައުވާ އުފުލާފައިވާ ފަރާތެއް އެފަދަ ކޮމިޝަނެއްގައި އިނުމަކީ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.