ޚަބަރު

ޝަރީއަތުގެ އަޑުއެހުން ނިމުމާ އެކު ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފި

އަލީ ޔާމިން

5

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުން ނިމުމާއި އެކު އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ ބަޔާނެއްގައި ސޮއިކުރުވުމަށެވެ. އެކަން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ "ވަން"އަށް ކަށަވަރުކޮށްދީފައެވެ.

ރައީސް ޔާމީން ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވެސް ފުލުހަށް ހާޒިރު ކޮށްފައެވެ. އެދުވަހު ފުލުހުން އެމަނިކުފާނާއި ހާޒިރުކޮށް ސުވާލުކޮށްފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައާއި އެތައް މިލިއަން ޑޮލަރެއް ލޯންޑާކުރިކަމުގެ ތުހުމަތުގައެވެ.

ފުލުހުން ހުކުރުވިލޭރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށްޓަކައި ރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭ ގޮތަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ލިބުނު 77،504،912 ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1،900،000 ރުފިޔާ ދޫކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަގުގީގަށް ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް މީގެ ކުރިންވެސް އެމަނިކުފާނު ހާޒިރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި އެމްްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަގައި، އެ ފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑާ ކޮށްފައިވާ މައްސަލައިގައި ސުވާލުކުރުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތްކަމަށް ގިނަބަޔަކު ތުހުމަތުކުރާއިރު، އެ ހިޔާނަތުގައި ތުހުމަތުވާ ފަރާތްތައް މި ސަރުކާރުގެ މަތީ ފަޑީގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގައިވެސް ތިބިކަން އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟