ޚަބަރު

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން އެމްއެންޑީއެފުން އިއުލާނުކޮށްފައިވަނީ މިއަދުއެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، ދަށް ވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން، ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ. އަދި އުމުރުފުރާ ބަލާ ތާރީހަކީ 25 މާޗް 2020ގެ ނިޔަލަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިން އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބަލާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އެމްއެންޑީއެފްގެ ވެބްސައިޓް http://www.mndf.gov.mv/ މެދުވެރިކޮށް ނުވަތަ 3322607 އަށް ގުޅައިގެން ލިބޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.