އިބްރާހިމް ޒަކީ
ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް 540 އަށްވުރެ ގިނަ މަޝްރޫއު ފަށައި، އެކި މަރުހަލާގައި ހިންގާފައިވާ ކަމަށާއި އެއީ މި ސަރުކާރުގެ ދުވެލި ހާމަކޮށްދޭ މިސާލެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު ވިދާޅުވީ، އެއީ ރެކޯޑެއް ކަމަށެވެ. އަދި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުމުގައި ސަރުކާރުން މިގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 49 މަޝްރޫއެއް ނިންމައި 485 މަޝްރޫއެއް އެކި މަރުހަލާތަކުގައި ކުރިއަށް އެބަދެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެހެން މަޝްރޫއުތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައިވާއިރު، 152 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދެއެވެ. އަދި 73 މަޝްރޫއު އީއައިއޭ މަރުހަލާގައި އޮތްއިރު، 62 މަޝްރޫއު ވަނީ އެވޯޑް ކޮށްފައެވެ.
މީގެ އިތުރުން 49 މަޝްރޫއެއްގެ ސާވޭ ކުރިއަށްދާއިރު 44 މަޝްރޫއު ޑިޒައިން ކޮންސަލްޓަންސީ މަރުހަލާގައި އެބައޮތެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 43 މަޝްރޫއު ޓެންޑާކޮށްފައިވާއިރު، 32 މަޝްރޫއު ޕްލޭނިން މަރުހަލާގައި ވެސް އެބައޮތެވެ. އަދި 20 މަޝްރޫއެއްގެ ޑިޒައިން މަސައްކަތް ނިމިފައިވާ ކަމަށާއި ފަސް މަޝްރޫއެއް ޓެންޑާ މަރުހަލާގައި ވާ ކަމަށާއި، ދެ މަޝްރުއެއް ޕާޓީ ޓެންޑާ މަރުހަލާގައިވާ ކަމަށް ވެސް ތަފާސް ހިސާބުން ދައްކަ އެވެ. ދެ މަޝްރޫއުގެ ފިނިޝިން މަސައްކަތް ކުރިއަށްދާއިރު އެއް މަޝްރޫއު ރިޓެންޝަންގައި ވާކަމަށްވެސް ބުނެފައި ވެއެވެ.