ޚަބަރު

ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއުތައް ހިންގުމާ ގުޅޭ ގަރާރު ރައީސް އިސްލާހުކުރައްވައިފި

މުހައްމަދު އިޝާން

ކްރޮސް ސަބްސިޑީ އުސޫލުން ކުރިއަށްގެންދާނެ މަޝްރޫއުތައް ކަނޑައެޅުމާ ގުޅޭގޮތުން ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު އިސްލާހުކުރެއްވުމަށްފަހު އަލުން ނެރުއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ "ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައެޅި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2024/6" އިސްލާހު ކުރައްވައިފައެވެ.

އިސްލާހުކުރެއްވި ގަރާރުގައި ރައީސް ވިދާޅުވެފައިވަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ފަސްވަނަ މާއްދާގެ (މ) ގެ (03) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން މަދުވެގެން ކުރަންޖެހޭ އިންވެސްޓްމެންޓް އަދަދުތައް ގަރާރަކުން ކަނޑައަޅައި އާންމުކޮށްފައި އޮތް ގޮތަށް ބަދަލުތަކެއް ގެންނަން އެ މަނިކުފާނަށް ފެނިވަަޑައިގަންނަވާ ކަމަށެވެ.

އެހެންވެ އެ އިސްލާހުތައް މިއަދު ގެންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނެ ކަމަށް ރައީސުޖުމްހޫރިއްޔާގެ ގަރާރުން ކަނޑަޅުއްވި މަޝްރޫއުތައް:

  • ރާއްޖޭގެ ނުވަ ސަރަހަދެއްގައި އެއާޕޯޓް ތަރައްގީކުރުން (ހއ. ދިއްދޫ، ށ. ކޮމަންޑޫ، ށ. ބިލަތްފެހި، ރ. އަލިފުށި، އއ. މަތިވެރި، ފ. ނިލަންދޫ، ތ. ވިލުފުށި، ހދ. މަކުނުދޫ، ށ. މިލަންދޫ، ރ. ފައިނު، ބ. ތުޅާދޫ، މ. މުލި، ތ. ގުރައިދޫ) - ފަސް މިލިއަން ޑޮލަރު
  • ހުވަދުއަތޮޅު އުތުރުބުރީގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރުން - ފަސް މިލިއަން ޑޮލަރު
  • 'ހައްދުންމަތީގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރުން - ފަސް މިލިއަން ޑޮލަރު
  • ހައްދުންމަތީ ކައްދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުން (ފޮނަދޫގައި) - ފަސް މިލިއަން ޑޮލަރު
  • ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި އެއާޕޯޓެއް ތަރައްގީކުރުން - ފަސް މިލިއަން ޑޮލަރު
  • ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުން - ހަތް މިލިއަން ޑޮލަރު
  • ހައްދުންމަތީ ގަމުގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުން (ލ. ގަމުގައި) - ހަތަރު މިލިއަން ޑޮލަރު
  • އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުން - ހަތަރު މިލިއަން ޑޮލަރު
  • ހޯޕް އައިލެންޑަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުން (ގިރާވަރު އުތުރުފަޅު، އުތުރުތިލަފަޅު) - 10 މިލިއަން ޑޮލަރު
  • ހޯޕް އައިލެންޑް ތަރައްގީކުރުން (ގިރާވަރު އުތުރުފަޅު، އުތުރުތިލަފަޅު) - 15 މިލިއަން ޑޮލަރު
  • ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް މަޝްރޫއަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކުން (ގިރާވަރު އުތުރުފަޅު، އުތުރުތިލަފަޅު) - 15 މިލިއަން ޑޮލަރު
  • ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް ތަރައްގީކުރުން (ގިރާވަރު އުތުރުފަޅު، އުތުރުތިލަފަޅު) - 15 މިލިއަން ޑޮލަރު
  • ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫއުތައް (މުޅި ރާއްޖޭގައި) - 15 މިލިއަން ޑޮލަރު'
  • ސޯޝަލް ހައުސިން މަޝްރޫއުތައް (މުޅި ރާއްޖޭގައި) - ފަސް މިލިއަން ޑޮލަރު
  • ރަސްމާލެ މަޝްރޫއަށް ބިން ހިއްކުން (ފުށިދިއްގަރުފަޅު) - ފަސް މިލިއަން ޑޮލަރު
  • ގުޅިފަޅުން ބިން ހިއްކުން - ފަސް މިލިއަން ޑޮލަރު
  • ގިރާވަރުފަޅުން ބިން ހިއްކުން - ފަސް މިލިއަން ޑޮލަރު
  • ބިން ހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމާއި، ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުން (މުޅި ރާއްޖޭގައި) - ފަސް މިލިއަން ޑޮލަރު
  • ތ. ވޭމަންޑޫއާއި ތ. ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުން - ހަތަރު މިލިއަން ޑޮލަރު
  • ތ. ދިޔަމިގިއްޔާއި ތ. މަޑިފުށި ކޯޒްވޭއަކުން ގުޅައިލުން - ހަތަރު މިލިއަން ޑޮލަރު
  • ލ. ހިތަދޫއާއި ލ. ކުނަހަންދޫ ކޯޒްވޭއަކުން ގުޅައިލުން - ހަތަރު މިލިއަން ޑޮލަރު
  • ލ. ކަލައިދޫއާއި ލ. ދަނބިދޫ ކޯޒްވޭއަކުން ގުޅައިލުން - ހަތަރު މިލިއަން ޑޮލަރު
  • މ. މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅައިލުން - ހަތަރު މިލިއަން ޑޮލަރު
  • ހައިޕާފޯމެންސް ސެންޓަރެއް ގާއިމުކުރުން (މުޅި ރާއްޖޭގައި) - 20 މިލިއަން ޑޮލަރު