ޚަބަރު

ދިވެހި ބަހުގެ ގައުމީ ސިޔާސަތަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ދިވެހި ބަހުގެ ގައުމީ ސިޔާސަތަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހި ބަހުގެ ގައުމީ ސިޔާސަތަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދިވެހި ބަހުގެ އެކަޑެމީން ހުޅުވާލާފައިވަނީ މިއަދު އާންމު ކުރި އިއުލާނެއްގައެވެ.

ބަހުގެ އެކަޑެމީން މައުލޫމާތު ދޭ ގޮތުގައި އެ އެކަޑެމީން އަންނަނީ ދިވެހި ބަހަށް ދޭ ސަމާލުކަން އިތުރުކޮށް ބަސް ދެމެހެއްޓުމުގެ މަގުސަދުގައި ދިވެހި ބަހުގެ ގައުމީ ސިޔާސަތެއް އެކުލަވާލުމަށް މަސައްކަށް ކުރަމުންނެވެ. މިއަދު ފުރުސަތު ހުޅުވާލާފައިވަނީ މި ސިޔާސަތަށް އިސްލާހު ހުށަހެޅުމަށް ކަމަށް އެކަޑެމީން ބުނެއެވެ.

އެގޮތުން މި ސިޔާސަތުގެ ވަކިވަކި މާއްދާ އަދި މުޅި ސިޔާސަތަށް ގެންނަން ފެންނަ އިސްލާހުތައް ހުށަހެޅޭނެ ކަމަށް ބަހުގެ އެކަޑެމީން ބުނެއެވެ. މިމަހު 19 ވަނަ ދުވަހު މެންދުރު ފަހު 1:00ގެ ކުރިން ބަހުގެ އެކަޑެމީއަށް ލިޔުމުން އިސްލާހު ހުށަހެޅުމަށް ބަހުގެ އެކަޑެމީން ވަނީ އެދިފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް ދިވެހި ބަހުގެ ގައުމީ ސިޔާސަތަށް ގެންނަން އެދޭ އިސްލާހުތައް ހުށަހެޅުމަށް އެކަޑެމީން އެދެއެވެ. އަދި ދިވެހި ބަހުގެ ގައުމީ ސިޔާސަތު ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުން ފެންނާނެ ކަމަށް އެ އެކަޑެމީން ބުނެއެވެ.

ދިވެހި ބަހުގެ ގައުމީ ސިޔާސަތު އެކުލަވާލާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. މި މުއްދަތުގައި މި ސިޔާސަތުތައް ތަންފީޒުކުރެވޭނެ މިންވަރު ދެނެގަތުމުގެ ގޮތުން ކަންކަން މޮނީޓާކޮށް ބެލެހެއްޓޭނެ ނިޒާމެއް ކަނޑައަޅާފައިވާނެ ކަމަށް ބަހުގެ އެކަޑެމީން ބުނެއެވެ.