ޚަބަރު

ރައީސް ނަޝީދު މިނިވަންވުމުން ރައީސް މައުމޫނުގެ މަރުހަބާ

އަހުމަދު ޖައިޝަން

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށް އެމަނިކުފާނު މިނިވަން ކުރުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަންވުމާ ގުޅިގެން އުފާ ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

މިއަދު އިއްވި ހުކުމާ ގުޅިގެން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.

"މި މައްސަލައަކީ ގާނޫނީ އިޖުރާއަތާ ހިލާފަށް ހިނގި ބައެއް ކަންތައް ހިމެނޭ މައްސަލައެއް ކަމުގައި ވީނަމަވެސް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ މައްސަލައެއް ނޫން ކަމަށް ވަނީ ފާހަގަ ކުރައްވާފައި،" ހިސާން ވިދާޅުވިއެވެ.