ޚަބަރު

ސަރުކާރަށް ތަރައްގީގެ މަޝްރޫއެއް ނުހިންގޭތީ ހުރިހާ އުދަނގުލެއް ކުރަނީ ރައީސް ޔާމީނަށް: އަދުރޭ

3

ސަރުކާރަށް ތަރައްގީގެ މަޝްރޫއެއް ނުހިންގޭތީ ހުރިހާ އުދަނގުލެއް ކުރަނީ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މާފަންނު ޔަގީން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފުލާއެއްގައި އަދުރޭ ވިދާޅުވީ، ކައުންސިލް އިންތިހާބަށް އާ އަޒުމަކާއެކު ޕީޕީއެމުން ނުކުތީ ގައުމާއި މިނިވަންކަމަށްޓަކައި އަދި ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައި އޮތުމުން ކަމަށެވެ.

އެގޮތުން އެމަނިކުފާނު މިނިވަން ކުރެވިގެން ނުވަތަ މިގައުމުގެ ވެރިކަމަށް ގެނެވިގެން ނޫނީ ރައްޔިތުން ބޭނުންވާ ކުރިއެރުމެއް ވެސް ހަމަޖެހުމެއް ވެސް ހޯދައެއް ނުދެވޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެމަނިކުފާނު ފިޔަވައި މިރާއްޖޭގެ ސުލްހަވެރިކަމަށް ލޯބިކުރައްވާ، ރާއްޖޭގައި މިނިވަންކަން އޮންނަން ބޭނުންވާ، މިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުދޭން ބޭނުންވާ ދެވަނަ ސިޔާސީ ލީޑަރެއް ރާއްޖޭގެ ސިޔާސީ މަސްރަހަކުން ނުފެނޭ،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލެއްވިކަން ފާހަގަކުރައްވައި އަދުރޭ އިތުރަށް ވިދާޅުވީ، އެކަންކަމާއެކު ވެސް ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދެވީ ރާއްޖޭގެ ތަރައްގީ އާއި އިގްތިސާދީ ކުރިއެރުން ހުއްޓުވިޔަ ނުދީ ދިވެހި ރައްޔިތުންގެ ބޭނުންތަކަށް ހައްލު ހޯއްދަވައިދެއްވައި އަދުލު އިންސާފު ގާއިމުކުރެއްވުމުގައި ސާބިތުކަމާއެކީގައި ކަމަށެވެ.

އެއީ މިގައުމަށް ރައީސް ޔާމީން މުހިންމުވާ އަދި މިގައުމުގެ ވެރިކަމަށް ރައީސް ޔާމީން ގެންނަން ޖެހޭ ސަބަބު ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެމްޑީޕީގެ ޖަލްސާއަކަށް މީހުން ނުނިކުތަސް އެމީހުންނަށް ތަރައްގީގެ މަޝްރޫއެއް ނުހިންގުނަސް އޭގެ ހުރިހާ ނުހޮރުއްޕާނަކާއި ދުއްޕާނެއް ކުރިމަތި މިވަނީ އަޅުގަނޑުމެންގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް. އެކަމަކު އަޅުގަނޑު ދަންނަވާނީ ކިތަންމެ ވަރަކަށް ދުއްޕާން ކުރިޔަސް ކިތަންމެ ވަރަކަށް އަނިޔާކުރިޔަސް، ރައީސް ޔާމީންގެ ސާބިތުކަމަކަށް އެމަނިކުފާނުގެ އަޒުމަކަށް ކުޑަވެސް ބަދަލެއް ނާދޭ،" އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟