ޚަބަރު

ސައުދީން ވެސް ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ސައުދީ އަރަބިއްޔާއިން ފެނިއްޖެއެވެ.

އެކަން ކަށަވަރު ކޮށްދީ ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީން ބުނީ، ވައިރަސް ފެނުނު މީހާ ކޮންޓެކްޓުވެފައިވާ މީހުންގެ ގައިން ވެސް މިހާރު ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ނަތީޖާ ވަރަށް އަވަހަށް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ސައުދީ ސަރުކާރުން ހިންގާ ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19) ޖެހިފައިވަނީ އީރާނުން ބަހުރައިނަށް ދަތުރުކުރި ފިރިހެނެއްގެ ގައިންނެވެ.

ސައުދީގެ އިތުރުން ޖޯޑަން (އުރުދުން) އަދި ޓޫނީޝިއާ އިން ވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ވަނީ ފުރަތަމަ ފަހަރަށް ފެނިފައެވެ. އަދި މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިއާ އިން ވެސް މިއަދު ވަނީ އެ ވައިރަސް ޖެހިފައިވާ މީހަކު ފެނިފައެވެ.

އޭގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އީރާނުން އެބަލީގައި 66 މީހަކު ވަނީ މަރުވެފައެވެ.

ޗައިނާއިން ފެނި ދުނިޔޭގެ 58 ގައުމަކަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ޖެހިފައިވާ 90،000 އަށްވުރެ ގިނަ މީހުން ފެނިފައިވާއިރު އެބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3000 އަށްވުރެ މައްޗަށް އަރައިފައެވެ.