ޚަބަރު

''ދީނާއި ގައުމުގެ ދިފާއުގައި" ނަމުގައި ކައުންސިލް އިންތިހާބަށް ޖޭޕީގެ ކެމްޕެއިން ލޯންޗުކުރުން މިމަހު 13ގައި

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެމްޕެއިން ލޯންޗުކުރުން އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

ޖޭޕީގެ މައި އޮފީސް، މ. ކުނޫޒުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޖަލްސާގެ ކަންކަން އިންތިޒާމު ކުރުމަށް އެކުލަވާލި ޓާސްކު ފޯހުގައި ހިމެނިވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ހާއްސަ ޖަލްސާއެއް ބާއްވަން ނިންމީ މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ކަމަށެވެ.

ކައުންސިލުން އެގޮތަށް ނިންމީ އެފަދަ ޖަލްސާއެއް ބޭއްވުމަށް އެޕާޓީގެ މެންބަރުން ވެސް އެދެމުންދާތީ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ބައްދަލުވުން ބާއްވާނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތަޖުރިބާއާއެކު ކަމަށް ވިދާޅުވިއެވެ.

އެގޮތުން "ދީނާއި ގައުމުގެ ދިފާއުގައި" މި ނަމުގައި މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައެވެ.

ނިހާން ވިދާޅުވީ، އެރޭގެ ޖަލްސާގައި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމާއެކު ޖުމްހޫރީ ޕާޓީން އުފެދުނީއްސުރެ ދަމަހައްޓަމުން ދިފާއު ކުރަމުން އައި ގައުމިއްޔަތާއި ދީނުގައި ދިފާއުގައި ވެސް ވާހަކަ ދައްކާނެ ކަމަށެވެ. އަދި ސިޔާސީ އެކިއެކި ހާލަތަށް ޖުމްހޫރީ ޕާޓީ ވެސް ބަދަލުވެގެންދާނެކަމީ ތަބީއަތުގައި ހަގީގަތަކަށްވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.