ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ހުޅުމާލެއަށް ބަސް ދަތުރުތައް ފަށައިފި

ހުޅުމާލޭން ދަރުމަވަންތަ ހޮސްޕިޓަލް ކައިރިއަށް ބަސް ދަތުރުތައް ފަށައިފިއެވެ.

އެ ދަތުރުތައް ފެށުމަށް ދަރުމަވަންތަ ހޮސްޕިޓަލް ޕާކު ސަރަހައްދުގައި ބަސް ސްޓޮޕެއް ވަނީ ހަދައިފައެވެ. މި ދަތުރުތައް ފައްޓަވައިދެއްވީ އެ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދެވެ.

ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ، ހުޅުމާލޭން ދަރުމަވަންތަ ހޮސްޕިޓަލަށް ބަހުގެ ދަތުރުތައް ބާއްވާނީ ގަޑިއިރު އެއްފަހަރު ކަމަށެވެ. ނަމަވެސް ސުކޫލްތަކާއި އޮފީސްތައް ނިމޭ ގަޑިތަކުގައި 20-15 މިނެޓަށް ވަގުތު ގާތްކޮށް ބަސްދަތުރު ބާއްވާނެ ކަމަށާއި އަދި އެ ރޫޓު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެއްޖެނަމަ ބަސް ދަތުރުތައް އިތުރުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ނައްޓާލާ ބަސް ހުޅުމާލެ ދާނީ މާލޭގެ ދެ ސްޓޮޕަކަށް މަޑުކުރުމަށްފަހު ކަމަށެވެ. އެއީ މާލެ ޖަލު ކައިރި އާއި ސްޓެލްކޯ ކައިރި ސްޓޮޕެވެ. އަދި ހުޅުމާލޭގެ ހުރިހާ ސްޓޮޕަކަށް ބަސް މަޑުކުރާނެ ކަމަށް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި މޭޔަރު ޝިފާ ވިދާޅުވީ، މި ރޫޓަކީ ޑިމާންޑު ބޮޑު ސަރަހައްދަކަށް ވާނެ ކަމަށެވެ. އެގޮތުން ހުޅުމާލޭން ދަރުމަވަންތަ ހޮސްޕިޓަލަށް އަންނަ މީހުންނާއި ރަސްފަންނަށް އަންނަ މީހުންގެ އިތުރުން ވިލިނގިލިން ހުޅުމާލެއަށްދާން ބޭނުންވާ މީހުންނަށް ވެސް މި ރޫޓުގެ ސަބަބުން ލުއި ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެމްޕީއެލުން ދަނީ މާލެ އާއި ހުޅުމާލެއާ ދެމެދު އެ ކުންފުނިން ކުރަމުންދާ ބަހުގެ ދަތުރުތައް މާލޭގެ އެކި ސަރަހައްދުގައި އިތުރުކޮށް ފުޅާކުރަމުންނެވެ. އެގޮތުން އެމްޕީއެލުން މިހާރު ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލޭގެ ދެ ރޫޓަކަށެވެ. އެއީ ރިންގުރޯޑުން މާފަންނު މައި ބަސް ޓާމިނަލާއި މިދިޔަ މަހުގެ ކުރީކޮޅު ތައާރަފްކުރި ކާނިވާ ސަރަހައްދުގެ ބަސް ރޫޓެވެ.