އެފްއޭއެމް

އެފްއޭއެމްގެ 20 ބުރީގެ އޮފީސް އިމާރާތާއި 20 ފުޓުބޯޅަ ދަނޑު ތަރައްގީކުރުމަށް ކޮރެއާގެ ކުންފުންޏަކާ ހަވާލުކޮށްފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި ތިން ޕްރޮޖެކްޓެއް ހިންގުމަށް ސައުތު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަވާލުކޮށްފިއެވެ.

ޕްރޮޖެކްޓްތައް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު މެންދުރުފަހު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އެފްއޭއެމްގެ 20 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރުމާއި، ހަތަރު ފުޓްސަލް އެރީނާ ތަރައްގީކުރުމާއި، 20 ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތެވެ.

މިކަމާ ގުޅޭގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓްރީ ހުސައިން ޖަވާޒް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މި މަސައްކަތް އެކުންފުންޏާ ހަވާލުކުރީ އެ ޕްރޮޖެކްޓްތައް ނިމޭތާ ހަތް އަހަރުތެރޭ ފައިސާ ދައްކާ ހަލާސްކުރާ ގޮތަށެވެ. މި ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރާ ފުޓްސަލް އެރީނާ އާއި ޓާފް ފުޓުބޯޅަ ދަނޑުތައް ތަރައްގީކުރާނެ ރަށްތައް ކަނޑައަޅާނީ ޔޫތު މިނިސްޓްރީއާ ގުޅުގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ތަރައްގީކުރަން ހަމަޖެހިފައިވާ ފުޓްސަލް އެރީނާތައް އެއް އަހަރުގެ ތެރޭ ނިންމަން ޖެހޭ ކަމަށާއި އަދި 20 ޓާފް ފުޓުބޯޅަ ދަނޑު މަހަކު އެއް ދަނޑު ނިންމުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ސްކައި ވިންޑް ގްލޯބަލް ކުންފުންޏަކީ ރާއްޖެއަށް އާ ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުނިން ހުޅުމާލޭގައި ފްލެޓްތަކެއްވެސް އިމާރާތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.