ޚަބަރު

ކޮވިޑް-19ގެ ސާމްޕަލްތައް ތަހުލީލުކުރަނީ ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް: އައިޖީއެމްއެޗް

އަލީ ޔާމިން

ކޮވިޑް-19ގެ ސާމްޕަލް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ތަހުލީލުކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެ ހޮސްޕިޓަލްގެ ލެބޯޓަރީއަށް ތަހުލީލުކުރުމަށް ގެނެވޭ ސާމްޕަލްތަކަކީ ކޮންމެ ވައްތަރެއްގެ ސާމްޕަލްތަކެއް ކަމަށްވީ ނަމަވެސް، އެ ސާމްޕަލްތަކާ މެދު ދެކެވޭނީ އަދި އަމަލުކުރެވޭނީ އެއީ އިންސާނުންނަށް ގެއްލުމެއް ލިބޭނެ އެއްޗެއް ކަމަށެވެ.

މީގެ އިތުރުން ނުރައްކާތެރި، ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލެއް ތަހުލީލުކުރި ނަމަވެސް އެތަކެތި އުފުލުމާއި ތަހުލީލުކުރުމުގައިވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް ހޮސްޕިޓަލުގެ ލެބޯޓަރީގައިވެސް، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާއި ސްޓޭންޑާޑް ޕްރެކްޓިސް އާއި ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަޅާފައިވާ ކަމަށް އައިޖީއެމްއެެޗުން ބުނެއެވެ.

އެގޮތުން ކޮވިޑް-19ގެ ސާމްޕަލްތައް އުފުލާމާއި ތަހުލީލުކުރުމުގައިވެސް ހޮސްޕިޓަލުން އަމަލުކުރަމުން ދާނީ، ޑަބްލިޔުއެޗްއޯއާ ކަމާ ބެހޭ ފަރާތްތަކުން މިކަމަށް އެކަށައަޅާފައިވާ ހާއްސަ ޕްރޮޓޮކޯލްތަކާއި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ނޭޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ހޮސްޕިޓަލްސް އެންޑް ހެލްތު ކެއާ ޕްރޮވައިޑާސް (އެންއޭބީއެޗް) އަދި ނޭޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ޓެސްޓިން އެންޑް ކެލިބަރޭޝަން ލެބަރަޓޯރީޒް (އެންއޭބީއެލް)ގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެެޗުން ބުނީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ހޮސްޕިޓަލުގެ މެނޭޖުމެންޓުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށެވެ.