ޚަބަރު

އަންހެނުން ކުރިމަތިލުމަށް ބާރުއަޅައި، ދިރާގުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އައިދާ އަބްދުލް ހަކީމް

އަންހެނުން ކުރިމަތިލުމަށް ބާރުއަޅައި، ދިރާގުގެ އާންމު ހިއްސާދާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ދިރާގުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރަކަށް ވުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން އެކަމަށް އެދި ފޯމް ހުށަހަޅަންޖެހޭނެ ކަމަށާއި އަންހެނުން އެ މަގާމަށް ކުރިމަތިލުމަށް ބާރު އަޅާ ކަމަށެވެ.

ދިރާގުން ބުނެފައިވަނީ އާންމު ޑިރެކްޓަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • ބައިނަލްއަގުވާމީ ޔުނިވަސިޓީއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުން.
  • ދިރާގުގެ ހިއްސާދާރެއް ކަމުގައިވުން.
  • ކުންފުންޏެއްގެ މެނޭޖާ ލެވަލްގައި 10 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ ކުންފުންޏެއްގެ ބޯޑެއްގައި މަސައްކަތް ކޮށްފައިވުން.
  • ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނީގެ ބޯޑް މެންބަރެއް ކަމުގައި ނުވުން.
  • މާލީ ލިޔެކިޔުންތައް ބަލައި ދިރާސާކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޑިރެކްޓަކަމުގެ ދައުރުގައި ކުންފުނީގެ ޖުމްލަ ހިއްސާގެ 0.5 ޕަސެންޓަށް އަށްވުރެ ގިނަ ހިއްސާ މިލްކު ކުރެވިފައިވާ ފަރާތެއްކަމުގައި ނުވުން.
  • ކުންފުނީގެ ވިޔަފާރިއަށް އަސަރުކުރާ ފަދަ ވިޔަފާރީގެ ނުވަތަ ޕްރޮފެޝަނަލް ގުޅުމެއް ކުންފުންޏާއެކު އޮންނަ ފަރާތެއް ކަމުގައި ނުވުން.
  • ކުންފުނީގެ ބޯޑުގެ އެގްޒެކްޓިވް މެންބަރެއްގެ ގޮތުގައި ނުވަތަ ނޮން-އެގްޒެކެޓިވް ޗެއާޕާސަނެއްގެ ގޮތުގައި ނުވަތަ ކުންފުނީގެ މެނޭޖަރެއްގެ ގޮތުގައި ނުވަތަ ކުންފުނީގެ ވަޒީފާއެއްގައި ފާއިތުވި ތިން އަހަރު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
  • ބޯޑުގެ މެންބަރެއް، މެނޭޖަރެއް ނުވަތަ ކުންފުނީގެ މައި ހިއްސާދާރަކާ އާއިލީ ގޮތުން ގާތް ގުޅުމެއް އޮތް ފަރާތަކަށް ނުވުން.

ޑިރެކްޓަރުކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި އެހެނިހެން ލިޔެކިޔުންތައް، އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދިރާގުގެ ވެބްސައިޓުން ލިބޭނެ ކަަމަށް ދިރާގުން ވަނީ ބުނެފައެވެ. ހުށަހަޅާ ފޯމުތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރެވޭނެކަމަށް ދިރާގުން ވަނީ ބުނެފައެވެ. އަދި އެހެން އަހަރުތަކޭވެސް އެއްގޮތަށް ހޮވޭ ފަރާތްތަކުގެ ނަންތައް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑު ޑިރެކްޓަރު ކަމަށް މެންބަރުން ހޮވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރެވެ. ދިރާގަކީ ސަރުކާރާ އަންމު ރައްޔިތުން ހިއްސާވާ ކުންފުންޏެކެވެ.