ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 25 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
އެހެން އަހަރުތަކުގައި އަންހެނުންގެ ދުވަހުގެ ޖަލްސާ ބާއްވަމުން އައިސްފައިވަނީ ބައިނަލްއަގުވާމީ އަންހެނުން ދުވަސް ކަމަށްވާ މާޗު އަށް ވަނަ ދުވަހުއެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު "ވަން" އަށް ވިދާޅުވީ، އެ ޖަލްސާގައި ރެހެންދި އެވޯޑް ދޭނެ ކަމަށާއި އެވޯޑަށް ނަން ހުށަހެޅި ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ރިވިއުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަންހެނުންގެ ދުވަހުގެ ޖަލްސާ ބާއްވާ ތަނެއް އޭނާ ވިދާޅެއް ނުވެއެވެ.
ރެހެންދި އެވޯޑަކީ ގައުމީ ތަރައްގީގައި ފާހަގަކޮށްލެވޭ ހިއްސާއެއް އޮވެ، ގައުމަށް ބޮޑެތި ލާބަޔާ މަންފާ ލިބޭ ހިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަދި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ފިރިހެނުންގެ އަދި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.
މިއަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ އަށަކުން އެމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން ވަނީ އެ ފުރުސަތު މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތުގެ އިތުރުން މުއައްސަސާ، އޮފީސް، ކުންފުނިތަކުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައެވެ.
މިދިޔަ އަހަރުގެ ރެހެންދި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކ. މާފުށީގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެން އެ ރަސްމިއްޔާތުގައި ނުވަ އަންހެނަކާއި ޖަމިއްޔާއަކަށް ދީފައިވެއެވެ.