ދުނިޔޭގައި ހަލުވިކާމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް19) އާ ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގާ މުބާރާތްތައް މިހާރުވެސް ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
މީހުން ގިނައިން އެއްވެ އުޅޭ ހަރަކާތްތައް މިދުވަސްކޮޅު މަޑުޖައްސާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފައިވީ ނަމަވެސް އެފްއޭއެމްގެ މުބާރާތް ފަސްކުރަން އަދި ނިންމާފައި ނުވާ ކަމަށް އެފްއޭއެމްގެ އޮފިޝަލަކު ވަނީ "ވަން" މައުލޫމާތުދެއްވައިފައެވެ.
އޮފިޝަލު ވިދާޅުވީ މިއަދު ކުޅުމަށް ހަމަޖެހިފައިވާ ލީގުގެ ފަހު މެޗު އަދި މިމަހުގެ ފަސްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެފްއޭ ކަޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް އެފްއޭއެމް އިން ކުރިއަށްށްގެންދާ އަންހެން ކުދިންގެ އެކަޑަމީގެ ފަރިތަކުރުންތައް މެދުކަނޑާލާފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން ސްކޫލްތަކުގެ ހުރިހާ އިތުރު ހަރަކާތްތައް ހުއްޓާލަން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ސްކޫލްތަކަށް އަންގައިފައެވެ. އެ އެންގުމާއެކު އެފްއޭއެމުން ކުޑަކުދިންނަށް ބާއްވާ ހަރަކާތްތައް މަޑުޖައްސާލާފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އެފްއޭއެމްއާ ގުޅިގެން ކްލަބުތަކުން ހިންގާ އެކަޑަމީތަކުގެ ފަރިތަކުރުންތައް ހުއްޓުމަށް އިރުޝާދުދީފައި ނުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން އޮފިޝަލު ވިދާޅުވީ އެކަޑަމީތަކަކީ އެފްއޭއެމުން ހިންގާ ތަންތަނަށް ނުވާތީ އެކަމުގައި ގޮތެއް ނިންމަން ޖެހޭނީ އެ ކުލަބަކުން ކަމަށެވެ.