ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ކެމްޕޭން އިފްތިތާހުކުރުމަށް އިދިކޮޅު ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެޕާޓީގެ ޓިކެޓުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަބްދުﷲ އިގުބާލު ބައިވެރިވެފައި ނުވުމަކީ ޕީޕީއެމުން އެ ސިޓީއާ މެދު ވެފައިވާ އިހުމާލު ހާމަވެގެން ގޮސްފައިވާ ކަމެއް ކަމުގައި އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވިދާޅުވީ، ކުރީ ސަރުކާރުން ވެރިކަން ކޮށްފައިވަނީ މަރުކަޒީ ގޮތެއްގައި ކަމަށެވެ. އަދި ރާއްޖޭގެ ބޮޑެތި އާބާދީތަކަށް އިހުމާލު ވެފައިވާކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަށް ކުރީގެ ރައީސް ޔާމީން އަދި ޕީޕީއެމުން ވެފައިވާ އިހުމާލު ބޮޑު ކަމަށެވެ. އެކަން ޕީޕީއެމުން ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ހާމަވެގެންގޮސްފައިވާ ކަމުގައިވެސް އަފްޝަން ވިދާޅުވިއެވެ.
"ޕީޕިއެމްގެ ކެމްޕޭން ލޯންޗިން ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅެއް ބައިވެރިވަޑައި ނުވުމާއެކު އެއީ މުޅި އެ އަތޮޅަށްވެސް މުޅި އެ ސިޓީއަށް ވެސް ލިބިގެން ގޮސްފައިވާ ނިކަމެތިކަމެއް ކަމަށާ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި އަޅުގަނޑުމެން ދެކެން. އަޅުގަނޑުމެން ދެކޭ ގޮތުގައި މިގޮތަށް އެއްވެސް ބަޔަކު އެކަހެރި ކުރެވިގެން ނުވާނެ. މިއީވެސް ރައީސް ޔާމީންގެ ސަރުކާރުން ނުވަތަ ޕީޕީއެމުން ކުޅުދުއްފުށި ސިޓީއަށް ވެފައި އޮތް އިހުމާލު ދައްކުވައިދޭ ކަމެއް ކަމަށް އަޅުގަނޑު ދެކެން" އަފްޝަން ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ، ޕީޕީއެމުން ލާމަރުކަޒީ ނިޒާމަށް އެހާ އަހުލުވެރި ނުވުމުން ފަހަރުގައި ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމާއި މޭޔަރެއް ހޮވޭނެކަން އެ ޕާޓީއަށް ނޭނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރަން އެނގޭނީ އެމްޑީޕީ މެންބަރުންނަށް އެކަނި ކަމަށާއި ލާމަރުކަޒީ ނިޒާމާއެކު ރަށްތައް ތަރައްގީވެގެންދާނެ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީން ދައްކަނީ "ކޮންކުރީޓް" ތަރައްގީގެ ވާހަކަ އެކަނި ނޫން ކަމަށާއި ޖުމުލަ ގޮތެއްގައި ތަރައްގީ ގެނެވޭނެ ހުރިހާ ދާއިރާއެއްގެ ވާހަކަ ދައްކާނެ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.