މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން އެމްޑީޕީން ވިލިމާލޭގައި "ރަށްވެހި ފެސްޓިވަލް"ގެ ނަމުގައި ބިޔަ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މިމަހުގެ އަށްވަނަ ދުވަހު ވިލިމާލޭގައި ބާއްވާ އަންހެނުންގެ ފެސްޓިވަލަކީ ޕާޓީގެ ހުރިހާ ގުނަވަންތަކާ ގުޅިގެން ބާއްވާ ކެމްޕޭން ހަރަކާތެއް ކަމަށެވެ. އަދި އެ ފެސްޓިވަލްގައި އަންހެނުންގެ ކުރިއެރުމާއި، އެ ކަނބަލުންނަށް ދޭން ޖެހޭ ތަމްރީނުތަކާ ބެހޭ ގޮތުން މައުލޫމާތު ދޭނެ ކަމުގައި ޝިފާ ވިދާޅުވިއެވެ.
"މި ފެސްޓިވަލުގައި މައިގަނޑު ގޮތެއްގައި ހިނގާނީ އަންހެނުން ކުރިއެރުވުމަށްޓަކައި އެބޭފުޅުންނަށް ދޭން ޖެހޭ ތަމްރީނުތައް. އަދި ޕޮލިޓިކަލް ޕޯޑިއަމްތަކަށް އަރައި ޕޮލިޓިކަލް ބަޔަކަށްވާއިރު ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ. ސަރުކާރުގެ ޕްރޮޖެކްޓުތަކާއި، ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމުގެ އުކުޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ" ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މި ފެސްޓިވަލްގެ ތެރޭގައި ހުންނަ ސްޓޯލްތަކުގެ މައިގަނޑު ފޯކަސް ބަހައްޓާނީ ފަސް ކަމަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ. އެއީ ނޫ އިގްތިސާދު، ޖަޒީރާ ދިރިއުޅުން، އަދުލު އިންސާފު، އޯގާތެރި ސަރުކާރު އަދި ފަހުރުވެރި އާއިލާކަމަށް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވަނީ މި ފެސްޓިވަލްގައި ބައިވެރިވުމަށް އެމްޑީޕީގެ ހުރިހާ ކަނބަލުންނަށް ދައުވަތު އަރުވާފައެވެ. ވަކިން ހާއްސަކޮށް، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ހުރިހާ ކަނބަލުން އެ ފެސްޓިވަލްގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމުގައި ޝިފާ ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރަމުން އަންނަ އަންހެނުންގެ ދުވަހަކީ މާޗް މަހުގެ އަށްވަނަ ދުވަހެވެ.